ދެ ކޭސް ބަނގުރާ ހިފައިގެން ދަނިކޮށް ފުލުހުންނަށް ފެނުމުން ފިލަން ވެގެން ދުވި ދެ މީހަކު އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލޭ ނިރޮޅުމަގު 13 ނަމްބަރު ގޯޅިން ސައިކަލެއްގައި ދިޔަ ދެ މީހުންނަށް މަގުމަތި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ފެނުމުން ފިލަން ވެގެން ސައިކަލް ބާރަށް ދުއްވާލި ވަގުތު އެ ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ސައިކަލްގައި އެމީހުން ދިޔައީ ދެ ކޭސް ބަނގުރާ ހިފައިގެން ކަމަށާއި އެކްސިޑެންޓްވުމުން ސައިކަލްގައި ތިބި ދެ މީހުން ފިލައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.













