ދިގު ވާހަކަ: ކެތް ކުރާނަން

ދިގު ވާހަކަ: ކެތް ކުރާނަން

19 ވަނަ ބަޔާ ގުޅޭ

"މާނައަކީ ލަބީ ތިޔަ އައީ އަހަރެން ހޯދާށޭތަ؟" އަހަންނަށް އަހައިލެވުނެވެ.

ސުވާލުކޮށް ނުނިމެނީސް ލަބީބު އާނއެކޭ ބުނެލި އެވެ. އޭނާގެ މަގުސަދަކީ ކޮބައިކަން ކިޔައިދިނެވެ. އޭނާ ބޭނުން ވަނީ ކީއް ކުރާން ކަން ވެސް ބުނެދިނެވެ.

"މައިޓްގެ އުނދަގޫ ނުފޯރާނެތަ؟" އަހަންނަށް އަހައިލެވުނެވެ.

"އޭނާއަކަށް މާލެއިން އުތުރަކު ސަވައިވެއް ނުވެވޭނެ." ލަބީބު ވަރަށް ޔަގީންކަމާއެކު ބުނެލި އެވެ.

"ތިބުނީ؟"

"މި ބުނީ މާލެއިން އުތުރަށް ގޮސް އެންމެ ދުވަހަކު ވެސް އޭނާއަކަށް ކެތެއް ނުކުރެވޭނޭ. އެއީ އޭނާގެ އެ ހުންނަ ބޯދާ ގަބޫލުކުރުންތަކާއި ވިސްނުމުގެ ސަބަބުން. އެކަމަކު އޭނާ އުޅޭނީ ދަރިން އިނދެގެން ގެންނަ މީހުންނަށް ލާމުގެ ސަގާފަތަށް ނުހޭނެވޭތީ އެކަމާ ކަންބޮޑުވެގެން ވިއްޔާ ދޯ. އެ ވެސް ހަމަ ފޭކް،" ލަބީބު ބުނެލި އެވެ. "މައްސަލައަކީ ލާމުގެ ސަގާފަތެއް ނޫން. މައްސަލައަކީ ނުހުންނަ ކަންކަން ސަގާފަތޭ ކިޔައިގެން އުފައްދާތީ."

"އަހަންނަށް ހީވަނީ ލަބީބު ތިޔަ ދިން ކޮފީއެއްގެ ރަހަ އޭނާއަށް މާ ކަމުދަނީ ހެން. އެ ކޮފީގެ ރަހަ ބަލަން ބޭނުންވާލެއް ބޮޑުވަނީހެން. އާނ އެހެންވީމަތާ ލަބީބު ހުންނަތަނަކަށް ގޮސްގެން ނަމަވެސް ތިޔަ ކޮފީއެއް ބޮވޭތޯ ބަލަނީ." ފޫހި ގޮތެއް ހަދައިލަމުން އަހަރެން ތުންފަތް އަނބުރައިލީމެވެ.

"ރަހަ ތަފާތެއް ނޫންތަ؟" އަހަރެންގެ ކޮނޑުގައި އެއް އަތުން ހިފާ ބާރުކޮށްލަމުން ލަބީބުގެ މެޔާ ކައިރިކޮށްލި އެވެ.

އެ މައުޟޫއުގައި އަހަރެން އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ. އަނގައިން ބުނެފިނަމަ ބުޅާ ގޯނިން ބޭރުވެދާނެ އެވެ. ނުވަތަ އަހަންނަށް ލަނޑެއް ލިބިދާނެ އެވެ. އޭރުން، ލަބީބަށް އަހަރެންގެ ހިތް އެނގިދާނެ އެވެ. ޙަޤީޤަތަކީ އަހަންނަށް ލަބީބުގެ ރަހަ މާބޮޑަށް ވެސް ކަމުދާ ކަމެވެ. އޭނާގެ ހަރަކާތްތައް ތަރުތީބުކަމެވެ. ދޫންޏަކަށްވުރެ ހަރަކާތްތައް ލުއިވެފައި ކޮކާލަކަށްވުރެ ފަރިތަކަމެވެ. ލަބީބަކީ ފުރުސަތުގެ ބޭނުން ހިފާ މީހެކެވެ. ބަސްމަދު ވެފައި އަމަލު ގިނަ ޒާތުގެ މީހެކެވެ. އޭނާގެ ފުއްލާގެ ބަނޑާއި މިނިކާވަގުގެ މުލައްދަނޑިއަކީ ކޮންމެ މީހަކު ވެސް ހިތްކިޔާނެ ސިފަތަކެވެ. ބާޒުގެ ކަޅިރަވައާއި ބަރު އެހެނަސް ތަފާތު އަޑަކީ އެހެން މީހުން އޭނާއަށް ލެނބެން މެދުވެރިވާ ސަބަބުންކަން އަހަންނަށް އެނގެއެވެ.

"ދެން ރިޔާޒޯ؟ އޭނާގެ ކުށެއްނެތި ލަނޑެއްދޭން ހެޔޮވާނެތަ؟" އަހަންނަށް އަހައިލެވުނެވެ.

"މީހާ ހަނާވުމަކީ އޭނާގެ ކުށެއް ނޫންތަ؟ ބަލަ ފިރިމީހާގެ އެންމެ ބޮޑު ވާޖިބަކީ އަދި ޒިންމާއަކީ އަނބިމީހާއަށް އަމާން ރައްކާތެރި، ހިތްހަމަ ޖެހޭފަދަ މާހައުލެއް ހޯދައިދިނުން،" ލަބީބު ބުނެލި އެވެ. "ކާވެނީގެ ހުތުބާގައި ފިރިމީހާގެ ޒިންމާތައް ވަރަށް ސާފުކޮށް ކިޔައިދެޔެއްނު. އަނބިމީހާ އުޅޭނެ އަމާން މިނިވަންތަނެއް ހޯދާ ވާހަކަ ވެސް."

ލަބީބު އެދައްކަނީ ރަނގަޅު ވާހަކައެކެވެ. ހަގީގަތުގައި އޭނާގެ ވިސްނުން ކިތައްމެހާ ވެސް ރަނގަޅެވެ. އޭނާއަކީ ކަންކަމާ މެދު ފުންކޮށް ވިސްނާ މީހަކީތާ އެވެ. އަމިއްލަ ޒިންމާއަށް ފަރުވާތެރިވާ މީހަކީތާ އެވެ. އެކަމަކު އޭނާގެ ޢަމަލުތަކުން އަހަންނަށް މި ހުރިހާ ދުވަހަކު ފެނުނީ އެހެން މީހެކެވެ. އެހެން ލަބީބެކެވެ.

"ނުވިސްނިގެންނެއް ނޫން އަސްލު އަހަންނަށް ކުރިން އެހެން ދިމާވީ. ހުރިހާ ވެސް މައްސަލައަކީ މިގޭގައި މި އުޅޭ ބޯވަ."

"ކެތްކުރީ؟" އަހަރެން އަހައިލީމެވެ.

"އަހަރެން ބޭނުންވީ ކޮންމެ ހާލެއްގައި ވެސް އަހަރެން ކެތްކުރާން. އެއީ އަހަރެންގެ މަންމަ ކަމުގައި ދުށް މީހާ ކަމަށްވާތީ އޭނާ ފަޟީހަތް ނުކުރާން. އޭނާ ދުނިޔެއަށް ގިނަ ނުކުރާން. އެކަން އޭނާއަށް ޔަގީންވާތީ އޭނާ އަހަރެންގެ ބޭނުން ހިފީ."

"ދެން؟"

"މިހާރު ހުރިހާ ކުޅިވަރެއް ނިމިއްޖެ. ފިލްމުގެ ޝޫޓިން ނިމިއްޖެ. އަހަރެން މި އައީ ބަދަލުވެގެން. އޭނާ ބޭނުންހާ ގޮތަކަށް އަހަރެން ކަންކަމެއް ދެން މި ލަބީބެއް ނުކުރާނަން. މި ބުނީ ޖަހައިހާ ބެރަކަށް ނުނަށާނަމޭ."

"ބަދަލުވެގެން އައިސް ތި ކުރީ ކޮން ކަމެއް؟ މި ތިބެވުނީ ކޮން ގޮތަކަށް؟" އަހަރެން ބޭނުންވީ އޭނާއަށް ބަދަލު ނުވެވޭކަން ވިސްނައިދޭށެވެ.

"މި ދެ މީހުން ބޭނުންވީމަ ކުރިކަމެއް. މި ނިޒޫ ދިން ދައުވަތެއް. އަހަރެން އިސްވެ ދިން ދައުވަތެއް ނޫން."

"ދެން މިރެ ޔޯ؟"

"މިރޭ އެއީ ޑުރާމާގެ ބަޔެއް."

"މާނައަކީ؟"

"އަހަރެން ބޭނުންވީ އެ ބޯވައަށް މަންޒަރެއް ދައްކަން. އޭނާ އެތަނަށް އައީ ސީދާ އެކަމަށް ބޭނުންވެގެން. އެތަނަށް އަންނަން ބުނީ ވެސް އަހަރެން. އަހަރެން ބޭނުންވީ އެ މަންޒަރު އޭނާއަށް ދައްކާލަން."

"މާނައަކީ ލަބީ ބޭނުން ވަނީ އަހަރެން ފަޟީހަތްކުރާށޭތަ؟" އަހަންނަށް ނުރުހެވުނެވެ.

"ރަނގަޅަށް ތިބުނީ. ކޮންމެ ހާލެއްގައި ވެސް އަހަރެން ބޭނުންވަނީ މިހާރު ނިޒޫ ހޯދަން،" ލަބީބު ބުނެލި އެވެ. "އަދި އެ ކަނބުލޭގެއަށް ކުދިކުދި އަނިޔާ ވެސް ކުރާން. އޭނާ އަހަންނަށް ދިން ލަނޑުގެ ބަދަލު ހިފާން."

ލަބީބުގެ ވިސްނުމާއި ފިކުރު އަހަންނަށް ސާފުވި އެވެ. އޭނާގެ ސީދާ މަގުޞަދަކީ އަހަރެން ކަމާއި އަހަރެން ހޯދުމަށް އޭނާ ބޭނުންވަނީ ކީއްވެގެންކަން ސާފުކޮށް ބުނެދިނެވެ. އޭނާގެ މަގުސަދު ހާސިލުކުރުމަށް ގިރާކުރާން ޖެހޭނީ ކިހާ ވަރެއްގެ ބިޔަ ކަނޑެއްކަން އޭނާއަށް އެނގޭކަމާއި އެކަމުގައި އަހަރެންގެ އެހީ ބޭނުންވާނެކަން ބުނެދިނެވެ. އެ ހުރިހާ ކަމަކަށް އަހަންނަށް އެއްބަސް ވެވުނެވެ. ހަގީގަތުގައި ވެސް އަހަންނަށް އެންމެ ރަނގަޅުވާނީ ލަބީބެވެ. އަހަރެންގެ ރަހައަކީ ވެސް އެއީ އެވެ. އަހަރެންގެ މިޒާޖަކީ ވެސް އެއީ އެވެ.

އެކަމަކު މިހާރު މި ވަނީ ގޯހެއް ހެދިފަ އެވެ. އެ ގޯހުގެ ސަބަބުން އަހަންނަށް ލަބީބު ނުގެއްލޭނެ ހެއްޔެވެ؟ ލަބީބަށް އެކަން އެނގިއްޖެ ނަމަ އޭނާ އަހަރެން ދޫކޮށް ނުލާނެ ހެއްޔެވެ؟ އެކަން ޔަގީންކުރާން އަހަރެން ބޭނުންވި އެވެ.

"އަހަންނަށް ކުށެއް ކުރެވިއްޖެ ނަމަ މާފުކުރާނަންތަ؟" ވިސްނައިލުމެއް ނެތި އަހަރެން އަހައިލީމެވެ.

"ކުށުގެ ވާހަކަ ދައްކަން އަހަރެން ވަކި ރަނގަޅުތަ؟" ލަބީބު ބުނެލި އެވެ.

"ކުށްކުރެވޭނީ އިންސާނުންނަށް. އެކަން އަހަރެން ޤަބޫލުކުރަން. ކުރެވޭ ކަމަކީ ކުށެއްކަން އެނގޭ ހިސާބުން އެކަން ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައަޅާ އެކަމުން ދުރުވާން މަސައްކަތް ކުރާނީ އެންމެ ރަނގަޅު މީހުން." އަހަރެންގެ ވިސްނުން ބުނެދިނީމެވެ.

"އަސްލު މިރޭ ހުރިހާ ވާހަކައެއް މި ކިޔައިދިނީ ވެސް ބޭނުމެއްގަ. އަހަރެން ބޭނުންވަނީ މިރެއިން ފެށިގެން ބަދަލުވާން. އިސްލާހުވާން. އަހަންނަށް އުޅެވުނީ ރަނގަޅަކަށް ނޫން. އެއް މަލުން ފޮނިބޮމުން އަނެއް މަލުން ފޮނިބޮމުން. އެއީ ވަގުތީ އުފަލެއް. ކޮންމެ ފަހަރަކު އަހަރެން އެކަނިމާ އެކަނި އިނދެ ރޮއި ގިސްލަން. އަމިއްލަ ނަފުސަށް އަނިޔާދޭން. އަމިއްލައަށް މަރުވާންވީއޭ ވެސް ހިތަށް އަރާ. އެކަމަކު ވެސް ފުންކޮށް ވިސްނައިލެވުނީމަ އެނގޭ އެއީ އަދި މާ ބޮޑު ނުބައެއްކަން. ގޯހެއްކަން. ކުށެއް ކުރެވޭ ކޮންމެ ފަހަރަކު ފުރާނައިން އަތްދޮވެލީމަ އެ ކުށުގެ އަޒާބާއެކު އިތުރު އަޒާބެއް ވެސް ލިބޭނެކަން. އެކަމަކު ކުށަށް ތައުބާވެ އަލުން އެކަން ނުކޮށް އިސްލާހުވެ ފާފަ ފުއްސެވުމަށް ދަންނަވާ އެކަން އިޖާބަ ކުރައްވައިފި ނަމަ ފަތުން ބައެއް އުނިވެގެން ގޮސް އަޒާބުން ސަވާބު އުފަންވާނެކަން."

އަހަރެން ބުނަން އުޅުނު ވާހަކަ ބުނުމުގެ ބޭނުމެއް ނެތެވެ. އެ ވާހަކަ ބުނެގެން ދެން ކުރެވޭނެ ކަމެއް ވެސް ނެތެވެ. އޭގައި ލަބީބަށް ކުރެވޭނެ ކަމެއް ވެސް ނޯންނާނެ އެވެ. ދެން ޖެހޭނީ މޮޅު ކޮންމެ ވެސް ގޮތެއް ރާވާށެވެ. ނޫނީ ލަބީބަށް ހަގީގަތް އެނގުމުން އެކަމާ އެއްބަސްވާށެވެ. އިތުރުގޮތެއް ނޯންނާނެ އެވެ. ދޮގުން އުފަންވާނީ މުޅީން ވެސް ދޮގެވެ. ދޮގެއްގެ ބަނޑުން ތެދެއް ނުވިހާނެ އެވެ.

"ދޮރުތައް ބަންދު ނުކޮށް ކުށުން ނިކުމޭވޭނެތަ؟" ނުސީދާ ގޮތުން އަހަރެން މި ބުނީ މައިދައިތަގެ ވާހަކަ އެވެ.

ނަމަވެސް ލަބީބަށް އެ ވާހަކަ ތަރުޖަމާ ކުރެވުނީ އެހެން މޭރުމަކުންނެވެ. އޭނާ ހާދަ ބަދަލުވެއްޖެއޭ ހިތް ބުނެލީ ވެސް އެހެންވީމަ އެވެ.

"އާނ! އަހަންނަށް ތިޔަ ވިސްނައިދިނީ ވަރަށް ބޮޑުކަމެއް." ލަބީބު ބުނެލި އެވެ.

ބަދަލުގައި އަހަރެން ހިނިތުންވެލީމެވެ.

"މިރެއިން ފެށިގެން ހުރިހާ އެކައުންޓްތަކެއް ޑިއެކްޓިވޭޓްކޮށްލަންވީ ދޯ! އަސްލު ވެސް މި ސޯޝަލް މީޑިއާއަކީ ހަމަ ތޫނު ހަންޖަރެއް. އެ ހަންޖަރުން މޭވާ ކޮށައިލެވޭ އިރު ބޮޑެތި ގެރިބަކަރި ވެސް ކޮށައިލެވޭނެ."

ލަބީބު އެ ބުނީ ކީކޭ ހެއްޔެވެ؟ އޭނާ އެހެންބުނި މަޤުޞަދަކީ ކޮބައި ހެއްޔެވެ؟

"މި ބުނީ! ސޯޝަލް މީޑިއާގެ ބޭނުން ދެ ގޮތަށް ވެސް ކޮށްލެވިދާނެއޭ. ރަނގަޅު ގޮތުގައާއި ގޯސް ގޮތުގައި ވެސް ބޭނުން ކުރެވިދާނެޔޭ."

"ކީއްވެ ގެރިބަކަރި؟" އަހަންނަށް ނުވިސްނުނީ އެ ތަންކޮޅެވެ.

"ހަރުތަކެތި ވެސް ކޮށައިލެވިދާނެޔޭ؟"

އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބިރުން ތުރުތުރު އަޅައިގަންނަ ގޮތް ވެސްވި އެވެ. ލަބީބު ފޯނު ހޯދަން އުޅެންފެށުމުންނެވެ. އޭނާ ބާލީސް ހިއްލަމުން ފޯނު ކޮބައިތޯ ބަލަމުން ދިޔަ އެވެ. އަހަރެން ފޯނު ބޭއްވީ ބާލީސް ދަށުގަ އެވެ. ނަމަވެސް މިހާރު އެ ތަނަކު ފޯނެއް ނެތެވެ.

"ގުޅަކުޅޭ ފަސްގަނޑެއްވީމަ ވާނީ މިހެން." ލަބީބު ހިނިތުންވެލި އެވެ.

އޭނާ ލޮލުގައި ފޯނު އަޅައިގަތެވެ. ތަންކޮޅެއް ދުރުގައި މުށިގަނޑު މަތީގައި ފޯނު އޮތްތަން ފެނުމުނުން އެކަމަށް އިޝާރާތްކޮށްލި އެވެ. ލަބީބު މަޑުމަޑުން ފޯނު ނަގައި ބަލައިލި އެވެ.

"ނިވިފަ. ވެއްޓުނު ގޮތުންތަ؟ ބެޓެރި ދިޔައީތަ؟" ފުރުސަތުގެ ބޭނުން އަހަރެން ހިފީމެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox