ކަޒަކިސްތާންގެ ނޫރު ސުލްތާންގައި އޮންނަ 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ ދެ އެތުލީޓަކަށް މަރިޔަމް ރޫޔާ އަލީ އާއި އަހްނާ ނިޒާރު ހޮވިއްޖެ އެވެ.
ދިހަ ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 11-13 އަށެވެ. މި މުބާރާތުގައި އޭޝިއާގެ 29 ގައުމަކުން ވާދަކުރާނެ އެވެ. މި މުބާރާތަކީ މިއަހަރު ބާއްވަން ހަމަޖެހިފައި އޮތް މުބާރާތެކެވެ. ނަމަވެސް ކޮވިޑުގެ އޮމިކްރޯން ރާޅާ އެކު މުބާރާތް 2023 އަށް ފަސްކުރީ އެވެ.
އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ދެ އެތުލީޓުން ހޮވަން ހަމަޖެހިފައި އޮތީ ދެ ޖިންސުން އެއްކޮށް ކުރިއަށް ގެންދިޔަ ޓައިމް ޓްރަޔަލް އިންނެވެ. މި ފަހަރުގެ މުބާރާތަށް އެތުލީޓުން ހޮވުމަށް އެސޯސިއޭޝަނުން ކަނޑައަޅާފައި އޮތް ކްރައިޓީރިއާގައި ހިމެނެނީ އެންމެ ރަނގަޅު ޓައިމިން ހޯދާ ދެ އެތުލީޓުންނަށް މުބާރާތުން ފުރުސަތު ދޭ ގޮތަށެވެ.
އެ ގޮތުން ކުރިއަށްގެންދިޔަ ޓްރަޔަލްގައި ކުރި ހޯދީ، މި އަހަރުގެ ގައުމީ ގްރޭންޑް ޕްރިކްސްގެ އެއް ވަނަ އަންހެން އެތުލީޓު، ރޫޔާ އަލީ އާއި މި އަހަރުގެ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ އެއް ވަނަ އަންހެން އެތުލީޓަކަށް ހޮވުނު ހދ. ކުޅުދުއްފުށީ އަހުނާ ނިޒާރު އެވެ.
ރޫޔާ ވަނީ މީގެ ކުރިން ގައުމީ އެތުލެޓިކް ޓީމުގައި ހިމެނިގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. އެ ގޮތުން މި އަހަރުގެ ޖުލައި/އޮގަސްޓް މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސް އާއި މިދިޔަ އޮކްޓޫބަރު މަހު ކުވޭތުގައި ބޭއްވި އޭޝިއާގެ 18 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި ރުޔާ ވަނީ ދުވެފަ އެވެ.
ކުރިއަރަމުން އަންނަ ދުވުންތެރިޔާ، އަހްނާ އަށް އަދި ބައިނަލްއަގުވާމީ ލެވަލްގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވެ އެވެ. އޭޝިއަން އިންޑޯ ގޭމްސް އަކީ އަހްނާ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.
ރޫޔާ އަކީ މާލޭ ޓްރެއިނިން ސެންޓަރުގައި ތަމްރީން ހަދަމުން އަންނަ އެތުލީޓެކެވެ. އަހްނާ އަކީ ކުޅުދުއްފުށީ ޓްރެއިނިން ސެންޓަރުގައި ތަމްރީން ހަދަމުން އައި އެތުލީޓެކެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ އެންމެ ބޮޑު ޓާގެޓަކީ އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމެވެ. މިގޮތުން މި ގޭމްސްގައި ދެ ޖިންސުން މެޑަލް ހޯދުމަކީ އެސޯސިއޭޝަންގެ ހާއްސަ އަމާޒެވެ.
މި އަމާޒަށް ވާސިލްވުމަށް އެސޯސިއޭޝަނާއި އެތުލީޓުންވެސް މަސައްކަތްކުރަމުން އަންނައިރު ރާއްޖޭގެ އެންމެ އުއްމީދީ ދެ އެތުލީޓުންކަމަށްވާ އިބާދުﷲ އާދަމް އާއި އައިޝަތު ހިމްނާ ހަސަން މިހާރު ތަމްރީން ހަދަމުން އަންނަނީ ޖެމެއިކާގަ އެވެ. އިބާދުﷲ އަށް ޔޫތު މިނިސްޓްރީން ދިން ފުރުސަތެއްގައި ތަމްރީން ހަދަމުން އަންނައިރު، ހިމްނާ ޓްރެއިނިން ހަދަމުން އަންނަނީ 2024 ގެ ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕެއްގެ ތެރެއިންނެވެ.
މީގެ އިތުރުން ދެން ތިބި އެތުލީޓުންނަށްވެސް އަންނަ އަހަރު ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެސޯސިއޭޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ.










