މިދިޔަ ބުރާސްފަތި ދުވަހު މާލެ ސަރަހައްދުގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ބަންދު މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި 17 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް 15 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް 10 ތަނެއް ބަލައި ފާސްކޮށް 6.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އެ މައްސަލައާ ގުޅިގެން 17 މީހަކު ހައްޔަރު ކުރި އެމީހުންގެ އަތުން މިލިއަނަކާ ގާތްކުރާ އަދަދަކަށް ފައިސާ ވެސް އަތުލައިގަތް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ގްރޫޕަކަށް ނިސްބަތްވާ ބައެއް ކަމަށް ފުލުހުން ބުނެ އެވެ.
މާލެ އާއި އަތޮޅު ތެރޭ ރަށްރަށުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުން އަންނަ އިރު ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ގިނަ ގްރޫޕްތަކެއް މާލެ ސަހަރައްދުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ދާދި ފަހުން މާލޭގެ އެކި ސަރަހައްދުގައިވާ މަސްތުވާތަކެތި ބޭނުން ކުރުމަށް ހާއްސަ ކެފޭތަކެއް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.












