ރިޕޯޓުއާ ހިދުމަތްތަކާ އެކު، އޭޑީކޭ ފިޒިއޯތެރަޕީ ޑިޕާޓްމަންޓު އާ ހަރުފަތަކަށް

އާ ހިދުމަތްތަކާ އެކު، އޭޑީކޭ ފިޒިއޯތެރަޕީ ޑިޕާޓްމަންޓު އާ ހަރުފަތަކަށް

އާ ހިދުމަތްތަކުގެ ތެރޭގައި އެކުލެވޭ ނިއުރޯ ރިހެބް ކުރިއަރާފައިވާ މިންވަރު ހާމަކޮށްދެމުން ތާރިގް ވިދާޅުވީ، ސްޓްރޯކް ޖެހި، އެނދުމަތިވެފައިވާ ބަލި މީހުން ވެސް ކޮޅަށް ނެގޭ މިންވަރަށް ޑިޕާޓްމަންޓުގެ ވަސީލަތްތައް ތަނަވަސްވެފައިވާ ކަމަށެވެ.

އޭޑީކޭގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް؛ އެ ޑިޕާޓްމަންޓުން ވަނީ ގިނަ އާ ހިދުމަތްތަކެއް ތައާރަފުކޮށްފައި
އޭޑީކޭގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް؛ އެ ޑިޕާޓްމަންޓުން ވަނީ ގިނަ އާ ހިދުމަތްތަކެއް ތައާރަފުކޮށްފައި

ގިނަ ބަޔަކަށް ހިދުމަތް ދިނުމަށް ކުރިން އޭޑީކޭ ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓު ހިންގަމުން ދިޔައީ، ޖާގައިގެ ގޮތުން ކުޑަ ތަންކޮޅެއްގަ އެވެ. މަދު ވަސީލަތްތަކާއި، ހިދުމަތްތަކާއެކު އެ ހިދުމަތް ފޯރުކޮށްދެމުން ދިޔައިރު، ހިދުމަތަށް އެދި ދާ މީހުން ވެސް ގިނަ ވަގުތު މަޑު ކުރަން ޖެހެ އެވެ. ކުރީގެ ދަތިތައް ހައްލުކޮށް އޭޑީކޭ ހޮސްޕިޓަލުން މިހާރު ވަނީ މުޅިން އާ ހިދުމަތްތަކާ އެކު، އާ ފިޒިއޮތެރަޕީ ޑިޕާޓްމަންޓެއް ހުޅުވާފަ އެވެ.

އޭޑީކޭގެ ސީނިއާ ފިޒިއޮތެރަޕިސްޓް ތާރިގް މަޖީދް ވިދާޅުވާ ގޮތުގައި އެ ހޮސްޕިޓަލުގެ އާ ފިޒިއޮތެރަޕީ ޑިޕާޓްމަންޓަށް އައި އެންމެ ބޮޑު ބަދަލަކީ ކުރިން އޮތް ޖާގައިގެ ދަތިކަމަށް ލިބުނު ހައްލެވެ. ކުރިން އެ ޑިޕާޓްމަންޓު ހިންގަމުން ދިޔަ ތަނާ އަޅާބަލާނަމަ ފަސް ގުނަ ޖާގައިގެ ގޮތުން ތަނަވަސް ތަނެކެވެ. އެއާ ވިދިގެން މުޅިން އާ ގިނަ ހިދުމަތްތައް ވެސް އެ ޑިޕާޓްމަންޓުން ވަނީ ފޯރުކޮށްދޭން ފަށާފަ އެވެ.

އަލަށް ތައާރަފުކުރި ގިނަ ހިދުމަތްތަކަކީ ނިއުރޯ ރިހެބް އަދި ސްޕޯޓްސް ރިހެބަށް ބޭނުންވާ ހިދުމަތްތަކެވެ. އޭގެ ތެރޭގައި ޝޮކް ވޭވް ތެރަޕީ، މަސްކިއުލޯ-ސްކެލެޓަލް އަލްޓްރާސައުންޑް ހިމެނޭއިރު، ބައޯ މެޓްރިކްތަކަށް ވަގުތު ދޭންޖެހޭ ހުރިހާ ޓްރެއިނިން އެއް ވަގުތުން ދެވޭނެ އިންތިޒާމްވެސް އެ ޑިޕާޓްމަންޓުގައި މިހާރު ވަނީ ހަމަޖެހިފަ އެވެ.

އާ ހިދުމަތްތަކުގެ ތެރޭގައި އެކުލެވޭ ނިއުރޯ ރިހެބް ކުރިއަރާފައިވާ މިންވަރު ހާމަކޮށްދެމުން ތާރިގް ވިދާޅުވީ، ސްޓްރޯކް ޖެހި، އެނދުމަތިވެފައިވާ ބަލި މީހުން ވެސް ކޮޅަށް ނެގޭ މިންވަރަށް ޑިޕާޓްމަންޓުގެ ވަސީލަތްތައް ތަނަވަސްވެފައިވާ ކަމަށެވެ.

ހަމައެއާ އެކު ސިކުނޑިއަށް ނުވަތަ ކަންފަތަށް ދިމާވާ މައްސަލައެއްގެ ސަބަބުން މީހާގެ ބެލެންސަށް އަސަރުކޮށްފިނަމަ އެއަށް ދެވޭ ފަރުވާ، ވެސްޓިބިއުލާ ރިހިބިލިޓޭޝަން ވެސް އޭޑީކޭއިން ވަނީ ފޯރުކޮށްދޭން ފަށާފަ އެވެ. އިތުރު ހިދުމަތްތަކުގެ ތެރޭގައި ވެކިއުމް ތެރަޕީ ހިމެނެ އެވެ. އެއީ ވެކިއުމް ޕްރެޝާ ބޭނުންކޮށްގެން މަސްލް ޓެންޝަން ރިލީޒް ކުރުމުގެ ހިދުމަތެވެ.

އޭޑީކޭގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް؛ ޒަމާނީ ވަސީލަތްތަކާއެކު އޭޑީކޭއިން ވަނީ މުޅިން އާ ހިދުމަތްތަކެއް ތައާރަފުކޮށްފައި
އޭޑީކޭގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް؛ ޒަމާނީ ވަސީލަތްތަކާއެކު އޭޑީކޭއިން ވަނީ މުޅިން އާ ހިދުމަތްތަކެއް ތައާރަފުކޮށްފައި

އޭޑީކޭގެ ފިޒިއޮތެރަޕީ ޑިޕާޓްމަންޓް؛ ޒަމާނީ ވަސީލަތްތަކާއެކު އޭޑީކޭއިން ވަނީ މުޅިން އާ ހިދުމަތްތަކެއް ތައާރަފުކޮށްފައި

ޝޮކް ވޭވް ތެރަޕީއަކީ ކުރިން ރާއްޖޭގައި ދެމުން ގެންދާ ހިދުމަތެކެވެ. އޭޑީކޭއިން ތައާރަފު ކުރަނީ ފީކަލް އަދި ރެޑިކަލް ޝޮކްވޭވް ތެރަޕީ އެވެ. ކޮނޑުހުޅުގައި އިތުރު ކަށިކޮޅެއް ނުވަތަ ކެލްސިއަމް ޑިޕޮސިޝަނެއް އުފެދޭ ކަހަލަ ގޮތަކަށް ދިމާވެފައިވާ ބަލި މީހެއް ނަމަ ފަރުވާ ދޭނީ ސްކޭންކޮށްލައިގެން ކެލްސިއަމްކޮޅު ހުރިތަން ވަކިކޮށް، ސީދާ އެތަނަށް ޝޮކްވޭވް އެކްސްޕޯޝާ ފޮނުވާލައިގެންނެވެ.

އަލްޓްރާސައުންޑް ސްކޭނާއެކު ޝޮކްވޭވް ހިދުމަތަކީ މިއީ އޭޑީކޭއިން މުޅި ރާއްޖެއަށް ވެސް އަލަށް ތައާރަފުކުރާ ހިދުމަތެކެވެ.

މިހާރު އޭޑީކޭގައި ވަނީ ފިޒިއޮތެރަޕީ ކޮންސަލްޓޭޝަންގެ ހިދުމަތް ވެސް ފަށާފަ އެވެ. ރާއްޖޭގައި ފިޒިއޮތެރަޕީ ދެމުންދަނީ ޑޮކްޓަރަކު ރިފާކޮށްގެން ދޭ ގަނޑުކޮޅަށް ބަލައިގެންނެވެ. ނަމަވެސް ހިދުމަތް ފޯރުކޮށްދޭ ތަނުން ކޮންސަލްޓް ކުރުމުން ބަލި މީހާގެ ހުރިހާ މައްސަލައެއް ސީދާ ފިޒިއޮތެރަޕިސްޓަށް ދެނެގަނެވޭނެ އެސެސްމަންޓެއް ނުވަތަ އިވަލުއޭޝަނެއް ހެދުމުން، ފެންވަރު ރަނގަޅު، ވަށާޖެހޭ ހިދުމަތެއް ފޯރުކޮށްދެވޭނެ އެވެ.

ވަސީލަތްތައް ތަނަވަސްވުމާ އެކު އިންތިޒާމުވެފައިވާ ނިޒާމެއް

ޖާގައިގެ ތަނަވަސްކަމާ އެކު، ފިޒިއޯ ޑިޕާޓްމަންޓުގެ ވަސީލަތްތައް ވެސް އިތުރުވެފައިވާއިރު، އެ ޑިޕާޓްމަންޓުގައި ތިބި ތެރަޕިސްޓުންގެ އަދަދު ވެސް ވަނީ ދެ ގުނަ އިތުރުވެފަ އެވެ. ކުރިން ހަތަރު ފިޒިއޮތެރަޕިސްޓުންނާ އެކު ޑިޕާޓްމަންޓު ހިންގި ނަމަވެސް އެ އަދަދު މިހާރު ވަނީ އަށަކަށް އަރާފަ އެވެ.

ފިޒިއޯ ޑިޕާޓްމަންޓުގެ ޖާގަ ފަސް ގުނަ އިތުރުވި އިރު، ނުވަ ޓްރީޓްމަންޓް ކޮޓަރިއެކު ބޮޑު ޖިމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. ކުރިން ހަތަރު ކޮޓަރި ހުންނައިރު، ޖިމްގެ ގޮތުގައި ބޭނުންކުރަނީ އެ ކޮޓަރިތަކުގެ މެދުގައި ހުންނަ ތަންކޮޅެވެ. އެއާއެކު މެޝިންތަކުގެ އަދަދު ވެސް މިހާރު ވަނީ ތިން ގުނަ އިތުރުވެފަ އެވެ.

އޭޑީކޭ ފިޒިއޮތެރަޕީ ޑިޕާޓްމަންޓުގެ ޖިމް ސަރަހައްދު؛ މިއީ ޖާގައިގެ ގޮތުން ތަނަވަސް ތަނެއް
އޭޑީކޭ ފިޒިއޮތެރަޕީ ޑިޕާޓްމަންޓުގެ ޖިމް ސަރަހައްދު؛ މިއީ ޖާގައިގެ ގޮތުން ތަނަވަސް ތަނެއް

އޭޑީކޭ ފިޒިއޮތެރަޕީ ޑިޕާޓްމަންޓުގެ ޖިމް ސަރަހައްދު؛ މިއީ ޖާގައިގެ ގޮތުން ތަނަވަސް ތަނެއް

މި ޑިޕާޓްމަންޓާއެކު ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ވެސް ބޮޑު ލުޔެއް ލިބިގެން ދާނެ އެވެ. ކުރިން ހިދުމަތް ހޯދަން ދާން ޖެހެނީ އޭޑީކޭގެ މައި ރިސެޕްޝަނަށެވެ. އަދި މައި ރިސެޕްޝަނުން މެމޯ ހައްދައިގެން ފިޒިއޯ ޑިޕާޓްމަންޓަށް ދިއުމަކީ ކަސްޓަމަރުންނަށް އޮތް ބުރައެކެވެ. ނަމަވެސް މިހާރު މެމޯ ހެއްދުމާއި އެޕޮއިންޓްމަންޓް ހެއްދުން ފަދަ ހުރިހާ ކަމެއް ފިޒިއޯ ޑިޕާޓްމަންޓް ހުންނަ ފްލޯއިން ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ހިންގަމުން އަންނަނީ ޝަފިއާ އިންސްޓިޓިއުޓް އޮފް ހެލްތުގެ ހަތް ވަނަ ފަންގިފިލާގަ އެވެ.

ފިޒިއޯ ޑިޕާޓްމަންޓުގެ ހުރިހާ ހިދުމަތެއް އެއް ފްލޯއަކުން ލިބޭއިރު، ކުރިއާ ހިލާފަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ބޭސްކޮށް، އިންތިޒާމުވެގެން ހިދުމަތް ދެވޭނެ ނިޒާމެއް ގާއިމުކޮށްފަ އެވެ. ކުރިން ފިޒިއޮތެރަޕީއަށް އެދި އަންނަ މީހުންނަށް ހިދުމަތް ދެމުން ދިޔައީ ވޯކް-އިން ބޭސިސް އެއްގައި ކަމަށްވާއިރު، ގިނަ ވަގުތު ހިދުމަތް ހޯދަން ތިބެން ޖެހުން އޮތީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފަ އެވެ.

"ބައެއް ފަހަރު ހިދުމަތް ހޯދަން ދެ ގަޑިއިރު ވަންދެން ވެސް މަޑުކުރަން ޖެހިފައި އެބަހުރި. މިހާރު އެޕޮއިންޓްމަންޓް ސިސްޓަމަކަށް ބަދަލު ކުރުމުން ޕޭޝަންޓް އަންނާނީ ޕޭޝަންޓަށް އެލޮކޭޓެޑް ޓައިމްގައި، އަންނަ އިރަށް ޕޭޝަންޓަށް ހިދުމަތް ދެވޭނެ." ހޮސްޕިޓަލުން ބުނެ އެވެ.

ފިޒިއޯ ޑިޕާޓްމަންޓުގައި އެހާ ބޮޑު ވެއިޓްލިސްޓެއް ނެތުމާ އެކު، ހިދުމަތަށް އެދި އަންނަ މީހުންނަށް 48 ގަޑިއިރުތެރޭ ހިދުމަތް ދެވޭނެ ކަމަށް ތާރިގް ވިދާޅުވެ އެވެ. ހަމައެއާ އެކު، އެޕޮއިންޓްމަންޓް ސިސްޓަމާ އެކު، ހިދުމަތަށް އެދި ގިނަ ވަގުތު މަދުކުރަން ޖެހޭ ޖެހުން އެއްކޮށް ނިންމުމަކަށް ގެނެވިފައިވާކަން އޭނާ ފާހަގަކޮށްފައި ވެއެވެ.

މި ބޮޑު ކުރިއެރުމާ އެކު އޭޑީކޭއިން އަމާޒު ހިފާފައި ވަނީ، ހިދުމަތް ދިނުމަށް ސްޕެޝިލްސްޓުން ތިބުމެވެ. އެގޮތުން، މިހާރު ސްޕޯޓްސް ފިޒިއޮތެރަޕީއަށް ސްޕެޝަލައިޒް ވެގެން ތާރިގް ނިކުންނެވިއިރު، ނިއުރޯ ފިޒިއޮތެރަޕީއަށް ސްޕެޝަލައިޒް ފިޒިއޮތެރަޕިސްޓަކު ގެނައުމުގެ މަސައްކަތް ވެސް އެ ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox