ދަރިވަރުން 2045 އަށް ކުރާ އުއްމީދުތަކާއި ދަރިވަރުންގެ މެދުގައި 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ތަސައްވަރު ދައްކުވައިދޭ ފޮތް 'ދަ އިޔާ 2045' މިއަދު އިފްތިތާހުކޮށްފި އެވެ.
މި ފޮތް އިފްތިތާހު ކޮށްދެއްވާފައިވަނީ އެޗްޑީސީގެ މެނޭޖިންގެ ޑިރެކްޓަރު އަހްމަދު އާތިފު އެވެ. މި ފޮތުގެ ހުރިހާ މަސައްކަތަކީ ވެސް އުގައިލް ފައުންޑޭޝަނާއި އެޗްޑީސީގެ ފަރާތުން ހިންގާ ދަ ސާކަލްގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތެވެ.
މި ހަފުލާގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ، މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެޗްޑީސީގެ އިސްނެގުމުގެ މަތިން ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރައްޔިތުންނާ ގާތުން ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ މަސައްކަތްތައް، އަދި ވަކިން ހާއްސަކޮށް އިލްމީ ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރެވިގެން ދާނެ ކަމަށެވެ.
އުގެއިލް ފައުންޑޭޝަންގެ ދަށުން ހިންގާ މި އެކަޑަމީ އަކީ އުނގެނުމަށް ޝައުގުވެރިވާ, އިލްމީ, މަސައްކަތްތެރި, އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ގައި ފެށި އެކަޑަމީ އެކެވެ. މި އެކަޑަމީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފަ އެވެ.
މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް އާ މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން, ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ބޭނުންކުރެވޭނެފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމެވެ.

ދަ ސާކަލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑާސް އޮފް ޓުމޯރޯ, ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގް, އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެ އެވެ.












