ސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދަނީ ކައުންސިލުތަކާއި، ރައްޔިތުންގެ މަޝްވަރާގެ މަތީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްގީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލު އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަރުކާރުން ރަށްރަށުގެ މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވަނީ ކައުންސިލްތަކާއި ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމަށްފަހު ރައްޔިތުންގެ ބޭނުންވާގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
މާމެންދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކޮށްފަ އެވެ. އެގޮތުން ރަށްގިރުމުގެ މައްސަލަ އާއި، ކައުންސިލް އިމާރާތް ބާވެފައިވުމުން އައު އިމާރާތެއް ބޭނުންވާކަން ރައީސް އާ ހިއްސާކޮށްފައިވެ އެވެ.
މީގެ އިތުރުން މާމެންދޫގެ އިހުތިސާސްގައި ހުޅިމެންދޫ ހިމަނައިދެއްވުމަށާއި، ބަނދަރުގެ ދަތިތައް ހައްލުކޮށްދެއްވުމަށްވެސް ވަނީ ރައީސް އަށް ދަންނަވާފަ އެވެ. އަދި އެރަށު ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ދެވޭނެ ގޮތެއް ހޯދައިދެއްވުމަށާއި، ސްކޫލަށް ބޭނުންވާ ކަންކަމާއި، ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް ވަނީ ރައީސް އަރިހުގައި ދަންނަވާފަ އެވެ.













