މާލެއިން 6.8 ކިލޯގެ މަސްތުވާތަކެއްޗާއެކު 17 މީހަކު ހައްޔަރުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލެއާއި މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 10 ތަނެއް ބަލާ ފާސްކުރެވިފައިވާ ކަމަށެވެ.
އެ ތަންތަނުން ޖުމްލަ 6.8 ކިލޯގެ މަސްތުވާތަކެއްޗާއި 933،430ރ. ހޯދިފައިވާކަމަށް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ މި މައްސަލާއާ ގުޅިގެން 17 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ.
މިއީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުން އަންނަ ގްރޫޕަކުން އަތުލައިގަތް ތަކެތި ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާއިރު، އިތުރު މީހަކަށް 30 ދުވަހަށް ބަންދުކޮށްފައިވާ ކަން އެނގިފައިވެ އެވެ. ބާކީ ތިބި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރާނެ ކަން ވަނީ އެނގިފަ އެވެ.
ފުލުހުން ވަނީ އެ ދުވަހު ހ. ސޯސަން މީޑު ނަމަކަށް ކިޔާ ގެއަކުން ވެސް ގިނަ އަދަކަށް މަސްތުވާތަކެތި ހޯދާފަ އެވެ.












