މާލޭގެ ގެއެއްގެ ތެރޭގައި ވަޅިޖަހާ ޒަހަމްކޮށްލި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މިއަދު މެންދުރު 12:21 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލަ ހިނގާފައި ވަނީ ހެންވޭރު ގެއެއްގެ ތެރޭ އެއް އާއިލާއެއްގެ ދެ މީހެއްގެ ދެމެދުގައި ކަމަށެވެ.
މި މައްސަލާގައި އަނިޔާވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު, ހަމަލާ ދިން މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، މި ހަމަލާ ދީފައި ވަނީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ހާމަކުރި އެވެ.
ފުލުހުން ބުނީ މިއީ އާއިލާއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްކަން އެނގިފައިވާ ކަމަށެވެ.













