މެކްސިކޯ ސިޓީ، މެކްސިކޯ (ޑިސެމްބަރު 21) - މެކްސިކޯ އަށް ފަސް ވޯލްޑް ކަޕްގައި ކުޅެފައިވާ 37 އަހަރުގެ ގޯލްކީޕަރު، ގިލެރްމޯ އޮޗޯއާ، އިޓާލިއަން ލީގުގެ ކްލަބް ސެލަނިޓާނާ އަށް ބަދަލުވާން ނިންމައިފި އެވެ.
މެކްސިކޯގެ ޓީމެއް ކަމަށްވާ، ކްލަބް އެމެރިކާ އަށް ކުޅެމުން އަންނަ އޮޗޯއާ، އިޓަލީގެ ސެލަނިޓާނާ އަށް ބަދަލުވަނީ ކުރު މުއްދަތުގެ ކޮންޓްރެކްޓެއްގައި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
މި ފަަހަރުގެ ވޯލްޑް ކަޕްގައި ރޮބަޓް ލެވަންޑޯސްކީގެ ޕެނަލްޓީ މަތަކުރި، އޮޗޯއާ އަކީ މީގެ ކުރިން ވެސް ޔޫރަޕްގައި ކުޅެފައިވާ ގޯލްކީޕަރެކެވެ. އެ ގޮތުން ފްރާންސްގެ އެޖަސިިއޯ އާއި ސްޕެއިންގެ މަލާގާ އާއި ގްރަނާޑާ އަށް ކުޅުނުއިރު، އެންމެ ފަހުން ޔޫރަޕްގެ ޓީމަކަށް ކުޅުނީ 2017 އިން 2019 އަށް ބެލްޖިއަމްގެ ގަދަބާރު، ސްޓެންޑާޑް ލީޖް އަށެވެ.
ކްލަބް އެމެެރިކާ އިން 2004 ވަނަ އަހަރު ކެރިއަރު ފަށައި، 2011 ވަނަ އަހަރާ ހަމައަށް އެ ޓީމަށް ކުުޅުނު، އޮޗޯއާ ދެ ވަނަ ފަހަރަށް އެ ޓީމަށް ބަދަލުވީ، 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމަށް ކުޅެމުން އައި އޮޗޯއާ، މި ފަހަރު ސެލަނިޓާއާ މި ބަދަލުވީ ކެރިއަރުގެ ފަހު ކޮޅުގައި ވެސް ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ބޭނުންހިފަން ބޭނުންވާތީ ކަމަށް ސެލަނިޓާނާގެ އޮފިޝަލުންނާ ހަވާލާދީ އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މިއީ އިޓަލީގެ ކްލަބަކަށް އޮޗޯއާ ކުޅޭ ފުރަތަމަ ފަހަރެވެ.
އޮޗޯއާގެ ކުޅުން އެންމެ ފާހަގަކުރެވިފައިވަނީ ވޯލްޑް ކަޕް މުބާރާތްތަކުގަ އެވެ. އޭނާ ވަނީ މެކްސިކޯ ގައުމީ ޓީމަށް 135 މެޗު ކުޅެދީފަ އެވެ.
ސެލަނިޓާނާ އޮތީ އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު 15 މެޗުން 17 ޕޮއިންޓް ހޯދައިގެން ލީގުގެ 12 ވަނައިގަ އެވެ.












