ކޮންމެ ދެއަހަރަކުން އެއްފަހަރު ބާއްވާ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މި އަހަރު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި މި ޑިސެންބަރު މަހުގެ 24 އިން 25 އަށެވެ.
މީގެ ކުރިން މި ކޮންފަރެންސް ބާއްވަން ނިންމާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 9 އިން 10 އަށެވެ. އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައި ވަނީ އައްޑޫ ސިޓީ ހިތަދޫގަ އެވެ.
އެންއައިއީ އިން އިންތިޒާމު ކުރާ މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "ކަރަންޓް ޕާސްޕެކްޓިވް އެންޑް ފިއުޗާ ޑިރެކްޝަންސް" އެވެ.
އެންއައިއީން ބުނީ މިފަހަރުގެ ކޮންފަރެންސް ގައި އެކި ގައުމުތަކުން 250 ފަރާތަކުން ބައިވެރިވާނެ ކަމަށެވެ. އެންމެ ފަހުން ބޭއްވި ކޮންފަރެންސްގައި ވެސް ދުނިޔޭގެ އެކި ގައުމުތަކުން 250 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން އެންއައިއީން އިންތިޒާމު ކުރާ މިކޮންފަރެންސަކީ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމްކޮށް އިލްމީ މަސައްކަތް ކުރާ ބަޔަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދާ ކޮންފަރެންސް އެކެވެ.












