ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅެމުންދާ "ހިޔާ ކޮމިއުނިޓީ" ގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާ ހައުސިން ޑިވެލޮޕަމަންޓް ކޯޕަރޭޝަނުން ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުން އޮޅުންފިލުވައިފި އެވެ.
އެޗްޑީސީން ބުނީ މި ބައްދަލުވުމުގައި ހިޔާ ކޮމިއުނިޓީގެ މީހުންގެ ކަންބޮޑުވުންތައް އަޑުއަހައި، އެޗްޑީސީގެ މެނޭޖްމަންޓަށް އިތުރަށް ރަނގަޅުކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެޗްޑީސީން އާންމުންނަށްދޭ ހިދުމަތްތައް ރަނގަޅުކޮށް އިތުރަށް ފުޅާކުރުމުގައި ރައްޔިތުންގެ ހިޔާލު ބޭނުން ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން، ހިޔާ ސަރަހައްދުގައި ދިރިއުޅޭ އެހެން މީހުންނާ ވެސް ކުރިއަށް އޮތްތަނުގައި ބައްދަލުކޮށް މަޝްވަރާކޮށް ހިޔާލު ހޯދަމުން ގެންދާނެ ކަމަށް އާތިފް ވިދާޅުވި އެވެ.












