ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އަތުން ސިންގަޕޫރު 3-1 އިން މޮޅުވެއްޖެ އެވެ.
މިއީ އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު 12 މެޗުގެ ތެރެއިން ބަލިވި ފަސް ވަނަ މެޗެެވެ. މިދިޔަ މަހު ކޮންޓްރެކްޓް އާ ކުރި ފަހުން ކުޅުނު ދެ މެޗުން ވެސް މި ވަނީ ބަލިވެފަ އެވެ. މިދިޔަ ހަފްތާގައި މެލޭޝިއާ އަތުން ބަލިވީ 3-0 އިންނެވެ.
މިއަދުގެ މެޗަށް ރާއްޖޭން ނުކުތްއިރު، މިދިޔަ ބުދަ ދުވަހު މެލޭޝިއާ އަތުން ބަލިވި މެޗަށް ވަނީ އެއް ބަދަލު ގެނެސްފަ އެވެ. އެ ގޮތުން މުހައްމަދު ސަހާއު (ބޭލް)ގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވަނީ ފުރުސަތު ދީފަ އެވެ.
ސިންގަޕޫރުގައި މިއަދު ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. އަރިމަތިން ނެގި ހުރަހަކުން ސިންގަޕޫރުގެ ފޯވާޑް އިލްހާން ފާންޑީ ހުސްކޮށް ހުރެފައި، އޭރިއާތެރެއިން ވެއްޓިގެންފައި ބޮލުން ޖެހި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. މިއީ އަރިމަތިން ސިންގަޕޫރުގެ ޑިފެންޑަރު ކްްރިސްޓޮފާ ވެން ހީޒެން ނެގި ހުރަހަކުން، ފާންޑީ ބޮލުން ޖެހި ގޯލެކެވެ.

ރާއްޖެ ޓީމުގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ރާއްޖޭން ކުޅުން ރަނގަޅުކޮށް މެޗުގެ 15 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލު ޖެހީ ހަމްޕު ނެގި ކޯނަރަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. ސިންގަޕޫރުގެ ކީޕަރު ޒައިފުލް ނިޒާމް ބޯޅަ އަށް ހަރަކާތް ކުރި ނަމަވެސް ފޭދޫ އިއްބެ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ރާއްޖެ އަށް ލީޑުނަގައިދޭން ހަސަން ރާއިފް އަހުމަދު (ހަންނަ) ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އިބްރާހިމް އައިސަމް ދިން ބޯޅައެއް އޭރިއާތެރެއިން ހޯދައި، ސިންގަޕޫރު ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ހަންނަ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ފުރަތަމަ ހާފު ދެ ޓީމު އެއްވަރުވެގެން ނިމުނުއިރު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ސިންގަޕޫރުން އަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ޝަވަލް އަނުއާރް އެވެ. އޭރިއާތެރެއިން ޝަވަލް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ކީޕަރު ހުސެން ޝަރީފް އަތުގައި ޖެހިފަ އެވެ.
މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ސިންގަޕޫރުގެ ފަހު ގޯލު ވެސް ޖެހީ ޝަވަލް އެވެ. އޭނާ މި ލަނޑު ޖެހީ 87 ވަނަ މިނިޓްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް އެއް ފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.












