އެފްއޭއެމްގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލް ޓީމުން ފާހަގަވި މިރާޝް އިމްތިޔާޒް (އާޝް)، ވަނީ ފުޓްބޯޅައިން ކުރިއަށްދިއުމުގެ އަމާޒުގައި ޒުވާން އުމުރުގައި ސްޕެއިނަށް ބަދަލުވެ، ވޭތުވެދިޔަ އަށެއްކަ އަހަރު ތެރޭ ފުޓްބޯޅައިގައި ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފަ އެވެ.
މިދިޔަ ބުދަ ދުވަހުގެރޭ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މެލޭޝިއާއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިރާޝް ވަނީ ކުޅެފަ އެވެ. ރާއްޖެ 3-0 އިން ބަލިވި މި މެޗުގައި ގޯލެއް ޖަހަން ދިވެހި ކުޅުންތެރިން ތަނަވަސްކުރި މަދު ފުރުސަތުތަކުގެ ތެރެއިން އެ ފުރުސަތު ހޯދީ މިރާޝްގެ މަސައްކަތުންނެވެ. އަރިމަތިން މެލޭޝިއާ ކުޅުންތެރިއަކު ކައިރިން ނައްޓާފައި މިރާޝް އޭރިއާތެރެއަށް ހުރަސްކޮށްލި، ބޯޅަ ޖަހަން އަރައި، ހުރި ހަމްޒާ މުހައްމަދު (ހަމްޕު) އަށް އެންމެ ރަނގަޅަށް ފޮނުވާނުލެވުނެވެ.
ގައުމީ ޓީމަށް ފުރަަތަމަ ފަހަރަށް މެޗެއް ކުޅެލަން ލިބުމުގެ ހިތްހަމަޖެހުމުގެ ޝުއޫރުތައް މިރާޝް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ފާޅުކޮށްފަ އެވެ. މިއީ އޭނާ ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާ އެވެ. ފުރަތަމަ ފުރުސަތުގެ އަލީގައި އޭނާ ހުރީ ކުރިއަށް ދިއުމުގެ ވެސް އަޒުމުގަ އެވެ.

ސްޕެއިނުގެ ޓީމަކަށް މިރާޝް ކުޅުނު މެޗެއްގެ ތެރެއިން.
އިސްކަންދަރު ސްކޫލްގައި މިރާޝްގެ ކޯޗަކީ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ. މިރާޝް ޔޫތު ލެވަލްގައި ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)ގެ އާލީ ޓަޗް އެެކެޑަމީގައި ވެސް ޓްރެއިންވެފަ އެވެ.
ސްޕެއިނުގައި 2014 ވަނަ އަހަރު މިރާޝް ވަނީ ކެޕްޓިވާ ސްޕޯޓްސް އެކަޑަމީގައި ޓްރޭނިންއެއް ފުރިހަމަ ކުރިއިއިރު ވެސް ވިދާލައިފަ އެވެ.
ސްޕެއިނުގައި މިރާޝް އެންމެ ފުރަތަމަ ސޮއިކުރީ ކޯނޭލާ އަށެވެ. އެ ޓީމުގައި މިރާޝް ވަނީ ޒުވާން އުމުރުގައި، އެ ކްލަބްގެ، 15 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. އޭގެ ފަހުން، ޔޫއީ ބެލްވިޖް އަށް ބަދަލުވި މިރާޝް ފަހުން ވަނީ، ސަންޓްބޯއީއާ އާއި އެފްސީ މޮލެޓް އަށް ވެސް ކުޅެފަ އެވެ.
ބާސެލޯނާގައި ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ދިމާވި މައްސަލަތަކެއްގެ ތެރެއިން މިރާޝް އަށް ވެސް އެކަށީގެންވާ ދުވެލީގައި ކެރިއަރު ކުރިއަށްގެންދަން އުނދަގޫތަކެއް ދިމާވި ނަމަވެސް މަޑުމަޑުން ކަންކަން ރަނގަޅުވެގެންދިޔަ އެެވެ.

މިރާޝް ކްރިސްޓަލް ޕެލަސް ޖޯޒީގައި: އޭނާ ވަނީ އެ ކްލަބްގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅެފައި.
ވޯސްޕެކް އެކެޑަމީގައި ވެސް ތަމްރީންތައް ކުރިއަށްގެންދިޔަ މިރާޝް ވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ ކްލަބް، ކްރިސްޓަލް ޕެލަސްގެ ޔޫތު ޓީމަށް ވެސް ކުޅެފަ އެވެ. އެ ފަހަރު ޕެލަސްގެ 17 އަހަރުން ދަށުގެ ޓީމުން ފުރުސަތު ލިބުނު މިރާޝް މި ވަގުތު ކުޅެމުން އަންނަނީ ސްޕެއިނުގެ ހަތަރު ވަނަ ޑިވިޝަނުގެ ޔޫނިއޯ އެސްޕޯޓިވާ ރޫބީ އަށެވެ.
އެކިއެކި ގޮތްގޮތުން ގޮންޖެހުން ދިމާވި ކަމުގައި ވިޔަސް، ކެރިއަރު ކުރިއަށް ގެންގޮސް މިރާޝް މި ވަނީ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދައިފަ އެވެ.
ގައުމީ ޓީމުގެ ކޯޗަކަށް ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ހުރިއިރު، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓަށް ދިޔަ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން މިރާޝް އަށް ފުރުސަތު ދޭން ނިންމި އެވެ.
އެކަމަކު، މިރާޝް އެ ވަގުތު އަނިޔާއެއްގައި ހުރުމުން އޭނާ ސްކޮޑަށް ނޭރީ ކަމަށް ކޯޗު ސެގާޓް ވަނީ ބުނެފަ އެވެ. އެ ފަހަރު، ސެގާޓް ވަނީ ސްޕެއިނުގައި އޭރު ކުުޅުނު ރާއްޖޭގެ އިސްމާއިލް ޒާން އާމިރު އަށް ފުރުސަތު ދީފަ އެވެ.
މި މަހު ގައުމީ ޓީމުން ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް މިރާޝް ނެގީ އެފްއޭއެމް ޓެކްނިކަލް ޑިޕާޓްމަންޓާއި ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ މަޝްވަރާ އަށް ފަހު އެވެ.
ގައުމީ ޓީމުން މި މަހު ކުޅޭ އެކުވެރިކަމުގެ ފަހު މެޗުގައި މިއަދު ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 15:00 ގަ އެވެ.












