މީގެ ދެ އަހަރު ކުރިން ބަންދު ކުރި އޮލިމްޕަސް ސިނަމާ ބޭނުން ކުރުމަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ބުކް ކުރެވޭނެ ކަމަށް ނެޝަނަލް ސެންޓާ ފޯ އާޓްސް އިން ބުނެފި އެވެ.
އެންސީއޭއިން ކުރި އިއުލާނެއްގައި ބުނީ އަންނަ ޖެނުއަރީ 15، އިން ފެށިގެން ޕްރެކްޓިސް ރޫމްތަކާއި އޮލިމްޕަސް ހޯލު އެޑްވާންސް ބުކް ކުރެވޭނެ ކަމަށެވެ.
އޮލިމްޕަސް އަލުން ބުކް ކުރަން ހުޅުވާލާއިރު، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރިއިރު ފިލްމު ދެއްކުމަށް އޮލިމްޕަސް ބުކްކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބުނީ، އޮލިމްޕަސް ކުއްޔަށް ހިފުމަށް www.nca.gov.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެެވެ.
އޮލިމްޕަސް މަރާމާތު ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި އޮލިމްޕަހުގެ ޓެރަސްއިން އިމާރާތުގެ ތެރެއަށް ފެން ލީކުވުން ހުއްޓުވުމަށްޓަކައި ޓެރަސް މަރާމާތުކޮށް، އޮލިމްޕަހުގެ އެކި ހިސާބުތަކުގައި ޝީޓު ކަނޑައިގެންދިއުމާއި ރެނދުލުމުގެ ސަބަބުން ކޮންކްރީޓަށާއި ފާރުތަކަށް ލިބިފައިވާ ގެއްލުންތައް ވަނީ މަރާމާތުކޮށްފަ އެވެ.

އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮލިމްޕަހުން ހިދުމަތް ހޯދުން ފަސޭހަކުރުމަށް އެތަނުގެ ހޯލަށާއި ގޯތިތެރެއަށް ފުރޮޅުލީ ގޮނޑީގައި ވަދެނުކުމެ އުޅުމަށް ހާއްސަ ރޭމްޕް އެކްސެސް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.












