މަރު ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް, ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް މިއަދު ކުރެއްވި ތުހުމަތާ ގުޅިގެން އަބުރުގެ ދައުވާ އުފުލުމަށް ނިންމައިފި އެވެ.
މިއަދު މަރު ކޮމިޝަނުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާހު ޔާމީންއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިރޭ ބަޔާނެއް ނެރުނެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި, މިސްބާހު ދެއްކި ވާހަކަތަކަކީ އޭގައި އެއްވެސް އަސްލެއް ނެތް މީހަކު ދެއްކި ޔޯލަ ވާހަކަތަކެއްކަން އެނގޭ ކަމަށެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާ ގުޅޭ ގޮތުން މިސްބާހު, ޔާމީންއަށް ކުރެއްވި ތުހުމަތާ އެކު އެމަނިކުފާނުގެ އަބުރަށް އުނިކަން އައިސްފައިވާ ކަމަށެވެ.
ޔާމީނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށްވާއިރު މިސްބާހު ދެއްކެވި ވާހަކަތަކަކީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލްކުރުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް ބަޔާނުގައި ބުންޏެވެ. އެހެންވެ, މިސްބާހުއާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް ބުންޏެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާހު ވިދާޅުވީ ރިލްވާން މައްސަލާގައި ތުހުމަތު ކުރެވޭ ތ. އޮމަދޫ، ނަރުގިސްވިލާ މުހައްމަދު މުނާޒް (މަނާއްކޮ) ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސްުލްޖުމްހޫރިއްޔާ އާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައި ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާ އެކު ކަން ވެސް މި ތަހުގީގަށް އެނގިފައިވޭ، މި މައުލޫމާތު ކޮމިޝަނާ ހިއްސާ ކުރި ފަރާތަކީ މުނާޒުއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގައި ހުރެގެން އެމީހުންނާ ބައިވެރިވެ ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން ރެކްރޫޓު ފަރާތެއް ކަން ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
މަރު ކޮމިޝަނުން މިހެން ބުނެފައިވާއިރު، ބޭރު ގައުމެއްގައި ޓެރަރިސްޓު ޖަމާއަތަކުން ނުވަތަ އެފަދަ ޖަމާއަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، ދިހަ އަހަރާއި ފަނަރަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ރިލްވާނުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކުރުމުން އެ މަނިކުފާނު ވަނީ ޖަވާބެއް ނުދެއްވައި ހަނު ހުންނަވާފަ އެވެ.













