ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ މެލޭޝިއާ އިން 3-0 އިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިކޮށްފި އެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ހަތަރު ވަނަ މެޗެވެ. މީގެ ކުރިން ބަލިވީ މިދިޔަ އަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މި އަހަރު ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާނާއި ތައިލެންޑް އަތުންނެވެ.
ރާއްޖޭން މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ޓީމުގެ ކެޕްޓަން، ބޭންޑް އަޅައިގެން ކުޅުނީ ސަމޫހު އަލީ (ސަމުއްޓެ) އެވެ. ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ހުރީ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޮޕަރޭޝަނެއް ކުރުމަށް ފަހު މި ވަގުތު ހުރީ ޓީމާ ދުރުގަ އެވެ. ސަމޫހު ވަނީ އެންމެ ފަހުން، ރާއްޖޭން ސެޕްޓެމްބަރު މަހު ލާއޯސްއާ ކުޅުނު މެޗުގައި އަކޫ އަށް އަނިޔާވެގެން ބަދަލުކުރި ފަހުން ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ. މިރޭގެ މެޗަކީ ސަމޫހު މެޗެއް ފެށިގެން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ފުރަތަމަ މެޗެވެ.
މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން މުޅިން އަލަށް ފުރުސަތު ލިބުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅޭ މުހައްމަދު ސަހާއު (ބޭލް) އަށެވެ.

ރާއްޖޭން މިރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: އިބްރާހިމް ފާއިދު/. އެފްއޭއެމް
މެލޭޝިއާގެ ކުއާލަ ލަމްޕޫރުގެ ސްޓޭޑިއަމް ބޯލާ ސެޕަކްގައި މިރޭ ކުޅުނު މެޗު ފަށައިގެން މެލޭޝިއާ އިން އަވަސް ކުޅުމަކަށް ފަހު، އެޓޭކް ކުރުމަށް މަސައްކަތް ކުރަމުންދިޔައިރު، ލިބޭ ބޯޅަތަކުގައި ޕާސްކޮށްގެން ރާއްޖޭން ވެސް އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ.
މެލޭޝިއާ އަށް ލިބޭ ބޯޅަތަކުގައި މެދުތެރޭގައި ހިފަހައްޓައިގެން ކުޅުމުގެ ބަދަލުގައި އަވަހަށް އެޓޭކަށް ބަދަލުކޮށްލައި، ގޯލެއް ޖަހަން މަސައްކަތް ކުރަމުންދިޔަ އެވެ. ރާއްޖޭގެ މެދުތެރޭގައި ކުޅެމުންދިޔަ، އިބްރާހިމް އައިޝަމް އާއި ހުސެއިން ނިހާން (ނިހާޓް) ދިޔައީ ލިބޭ ބޯޅަތަކުގައި ރަނގަޅަށް ކުޅެވޭތޯ ބަލަމުންނެވެ.
މެޗުގައި ގޯލު ޖަހަން މެލޭޝިއާ އަށް ފުރަތަމަ ލިބުނު ފުރުސަތުން އެ ޓީމުގެ ކުރިއަށް ކުޅޭ ޑަރެން ލޮކް، އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ކައިރީ ކަނަށް ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ފައިން ވަނީ މަތަކޮށްފަ އެވެ. ކުޑަ އޭރިއާ ރޮނގުކައިރިން ކަހަލަ ގޮތަކަށް ލޮކް ޖެހި މި ޝޮޓް ހުއްޓުވުމުގައި ހުސެންގެ އަވަސް ހަރަކާތްތައް އިސް ދައުރެއް އަދާކުރި އެވެ.

މެލޭޝިއާގެ ލޮކް (ވ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.
މެލޭޝިއާ އިން ލީޑުނެގީ މެޗުގެ 24 ވަނަ މިނިޓްގައި ލޮކް ޖެހި ގޯލުންނެވެ. ރާއްޖޭގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައެއްގައި އޮފްސައިޑް ކަމަށް ނިންމައިގެން ހުރެ، ޑިފެންޑަރުން ދުއްވައިގަތް ވަގުތު، ރާއްޖޭގެ ފަހަތަށް ކުޅޭ، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ބޯޅަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އޭނާ ފައިގައި ޖެހިފައި ބޯޅަ ލިބުނީ މެލޭޝިއާގެ ލޮކް އަށެވެ. އޭރު އެ ބޯޅަ ހޯދަން ކީޕަރު ހުސެން ވެސް އަރަައި ހުރުމުން، ލޮކް ވަނީ ތިރިތިރިން ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރާއްޖެ ޓީމުގެ ކުރިއަށް ކުޅެމުންދިޔަ ތިން ކުޅުންތެރިން ކަމަށްވާ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި ސަހާއު، ކުރީގައި ބޯޅަ ހިފަހައްޓައިގެން އެޓޭކެއް ކުރެވޭތޯ ބެލި ނަމަވެސް މެލޭޝިއާގެ ގޯލުގައި ހުރި އަހުމަދު ހާޒްމީ މުހައްމަދު ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. ހަންނަ އަށް ލިބުނު ދެ ފުރުސަތެއްގައި މެލޭޝިއާ ޑިފެންސް ފަހަތުން ބޯޅަ އެހެން ކުޅުންތެރިއަކަށް ދީގެން ޖެހޭތޯ މަސައްކަތްކުރި އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 23 ސިކުންތު ތެރޭގައި މެލޭޝިއާ އަށް ލީޑުފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރެފައި، ލޮކް ޖެހި ބޯޅަ ރަނގަޅަށް ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.
ރާއްޖޭން ވަނީ ދެ ވަނަ ހާފުގެ ފުރަތަމަ 10 މިނިޓަށް ފަހު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި މިރާޝް އިމްތިޔާޒް ކުޅެން އަރުވައިފަ އެވެ. މިރާޝް އަކީ ސްޕެއިންގެ ހަތަރު ވަަނަ ޑިވިޝަނުގެ ޔޫނިއޯ އެސްޕޯޓިވާ ރޫބީ އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މިއީ ގައުމީ ސީނިއާ ޓީމުގައި މިރާޝްގެ ފުރަތަމަ ފެނިލުމެވެ. މީގެ ކުރިން އޭނާ ވަނީ ޖޫނިއާ ލެވަލްގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ.

މެލޭޝިއާ ޓީމުގެ އަޒްމީ މުރާދު (ވ) ކައިރިން ރާއްޖޭގެ ހަންނަ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.--- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
މެލޭޝިއާ އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާތެރެއަށް ހުސްކޮށް ވަދެ، މެލޭޝިއާގެ މުހައްމަދު ފައިސަލް ހަލީމް ޖެހި ގޯލެކެވެ. ހުސްކޮށް ލިބުނު ޖާގައަކުން، މެލޭޝިއާގެ ފޯވާޑް، ލޮކް ކުރިއަށް ކުޅުނު ބޯޅައަކަށް އޭރިއާތެރެއަށް ހުސްކޮށް އަރައި، ފައިސަލް ހަލީމް ވަނީ ކީޕަރު ހުސެން އަށް ފުރުސަތެއް ނުދީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެލޭޝިއާ އަށް ތިން ވަނަ ގޯލެއް ޖަހައިދޭން ފައިސަލް ހަލީމް އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ޖެހި ބޯޅަ ކީޕަރު ހުސެން ވަނީ ހުއްޓުވައިފަ އެވެ. އޭގެ ކުރިން އޭނާ ބޮލުން ޖެހި ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އެވެ.
މެޗުގައި ރާއްޖެ އަށް ގޯލެއް ޖަހަން އެންމެ ރަނގަޅު އެއް ފުރުސަތު ލިބުނީ 74 ވަނަ މިނިޓްގަ އެވެ. މިރާޝް އޭރިއާތެރެއަށް ނެގި ހުރަހަކުން ހަމްޕު ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާނުކުރެވުނެވެ.
ރާއްޖޭން ވަނީ މެޗުގެ ފަހު ވަގުތު އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިފަ އެވެ. ދަގަނޑޭ އަކީ މެލޭޝިއާގެ ކްލަބެއް ކަމަށްވާ ޕީޑީއާރްއެމް އެފްއޭ އަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ މެލޭޝިއާ ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ދަގަނޑޭ ގައުމީ ޓީމަށް މެޗެއް މި ކުޅުނީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
މެލޭޝިއާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 85 ވަނަ މިނިޓްގައި އެ ޓީމުގެ ޓަކް ލީ އަންޑްރިއު ބޮލުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. އެ ފުރުސަތުގައި ނަސީބު އެހީނުވި ނަމަވެސް މެޗުގެ 88 ވަނަ މިނިޓްގައި ޓަކް ލީ ވަނީ މެލޭޝިއާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެލޭޝިއާގެ ސާޖިއޯ އަގުއެރޯ ނެގި ހުރަހަކަށް އަރައި، ޓަކް ލީ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ރާއްޖޭން ދެން ކުޅޭ އެކުވެރިކަމުގެ މެޗުގައި ތިން ދުވަސް ފަހުން ބައްދަލުކުރާނީ ސިންގަޕޫރާ އެވެ.












