ދިވެހި ދައުލަތުގެ އެންމެ ލާރިއެއް ވެސް ވަގަށް ނަގާފައި ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދުންޔާ މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ސުވާލުކުރުމަށް މިއަދު އޭނާ އޭސީސީއަށް ހާޒިރުކުރުމުންނެވެ.
އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ އަދި ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް ވަގަށް ނަގާފައިނުވާނެ ކަމަށެވެ. އަދި އޭނާ މިއަދު އޭސީސީއަށް ހާޒިރުވާން އެންގީ ސިޔާސީ ދައުވާ އާއި ދޮގާއި ފުރައްސާރައިގެ ތެރޭން ކަމަށެވެ.
"އަބަދުސް އިންސާފާއި ތެދަށް މަސައްކަތް ކުރާނަން," ދުންޔާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތަހުގީގަށް މީގެ ކުރިންވެސް ދުންޔާ އޭސީސީއަށް ހާޒިރުވާން އެންގި ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. އެ ދެ ފަހަރު ވެސް ދުންޔާގެ ބަދަލުގައި ހާޒިރުވީ އޭނާގެ ވަކީލެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދުންޔާ އޭސީސީއަށް ހާޒިރުކޮށްފައި ވަނީ އޭނާއަށް ވަކި ތުހުމަތުތަކެއް އޮވެގެނެއް ނޫނެވެ. ނަމަވެސް, ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި މައުލޫމާތު ސާފުކުރުމުގެ ބޭނުމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީ މައްސަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 281 މީހެއްގެ ލިސްޓެއް މަޖިލީހުން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ހިމެނޭ 119 މީހަކުވެސް ހިމެނެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި މި ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ޝަރީއަތް ހިންގައި އަދަބު ލިބުނު މީހުންގެ ތެރޭގައި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.












