ފީފާ ވޯލްޑުކަޕުގައި މާދަމާ ރޭ ފްރާންސާއި މޮރޮކޯ ބައްދަލު ކުރާ ސެމީ ފައިނަލް މެޗު ބަލާލުމަށް ގަތަރަށް ދިޔުމުގެ ފުރުސަތު ލިބުނު އުރީދޫ ފުޓުބޯޅަ ފޯރީގެ ހަތަރު ނަސީބުވެރިންނަށް އެ ކުންފުނިން ޓިކެޓު ހަވާލުކޮށްފި އެވެ.
މިދިޔަ އޮގަސްޓު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު، 31، ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕުރޮމޯޝަނުގެ ނަސީބުވެރިންނަށް ހޮވާފައި ވަނީ އުރީދޫގެ ޕުރީޕެއިޑު ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތާރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރު ހާފިޒް ސައީދެވެ.
އެ ހަތަރު ފަރާތަށް ގަތަރުގެ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީ ފައިނަލް މެޗުގެ ޓިކެޓު ލިބޭނެ އެވެ. އެ ހަތަރު ނަސީބުވެރިން ގަތަރުގައި ހަތަރު ދުވަހާއި ތިން ރޭ ތިބޭއިރު ވޯލްޑުކަޕުގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫ ފުޓްބޯލް ފޯރި ލަކީޑުރޯގެ ނަސީބުވެރިން އެންމެ ފުރަތަމަ ހޮވާފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ރާއްޖެ ޓީވީން ލައިވްކޮށެވެ. އިއްޔެ ނެގި ލަކީޑުރޯއަކީ އޭގެތެރެއިން ބައެއް ފަރާތްތަކަށް ދަތުރު ކުރެވެން ނެތުމުން ނެގި ޑުރޯއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިހާރު ކުރިއަށްދާ ވޯލްޑުކަޕާ ގުޅުވައިގެން ފުޓުބޯޅަ ފޯރީގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް އުރީދޫއިން ކުރިއަށް ގެންދެ އެވެ. އެގޮތުން ވޯލްޑުކަޕަށް ހާއްސަ ލަވައެއް އެ ކުންފުނިން ތައާރަފުކޮށްފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގައި ފޯރިގަދަކޮށް މެޗުބަލާލެވޭނެ ފޭންޒޯންތަކެއް އެ ކުންފުނިން ވަނީ ގާއިމުކޮށްފަ އެވެ.
އުރީދޫ މޯލްޑިވްސް އަކީ ފީފާ ވޯލްޑުކަޕް، ރާއްޖޭގެ ކަވަރެޖުގެ ޓައިޓަލް ސްޕޮންސަރެވެ.











