ދެކުނުގެ އަތޮޅުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ ހަތް ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްުޔަރުކުރީ މިމަހުގެ އަށްވަނަ ދުވަހު ކަމަށާއި، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން އިތުރަށް ބުންޏެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތަކުގައި ގިނަފަހަރު ހިމެނެނީ އެކުދިންނާއި އާއިލީގޮތުން ގުޅުމެއް ހުރި ނުވަތަ އެހެންވެސް ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނެވެ.

މިފަދަ މައްސަލައެއް ސާބިތުވެއްޖެ ނަމަ 10 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.












