ހުޅުމާލެ ފޭސް ދޭއްގައި މުޅިން އަލަށް ޕްރިންޓު ކުރުމާއި ފޮޓޯ ނެގުމުގެ ހިދުމަތްދޭ ސްޓޫޑިއޯ އެއް ހުޅުވައިފި އެވެ.
ކުރާފްޓު ކުލައުޑު ސްޓޫޑިއޯގެ ނަމުގައި ހިޔާ ޓަވަރު ހަތެއްގައި މި ސްޓޫޑިއޯ ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފް އެވެ.
އަލަށް ހުޅުވި މި ސްޓޫޑިއޯއިން ފޮޓޯކޮޕީ ނެގުމުގެ ހިދުމަތާއި، ޕްރިންޓު ކޮށްދިނުމާއި، ޕާސްޕޯޓު ފޮޓޯ ނަގައިދިނުމުގެ އިތުރުން ޕާސްޕޯޓަށާއި އައިޑީ ކާޑަށް އެދި ހުށަހަޅައިދިނުމުގެ ހިދުމަތް ވެސް ދެމުންދާނެ ކަމަށް އެ ސްޓޫޑިއޯއިން މައުލޫމާތު ދެއެވެ.
މި ސްޓޫޑިއޯ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތަކަށް އަމާޒުކޮށްގެން އެޗްޑީސީން މިދިޔަ އަހަރު "އީޖާދީ މަންސަ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތުގައި، ހިދުމަދުގެ ކެޓެގަރީން ދެވަނަ ހޯދި ހުށަހެޅުމެވެ.
އެ މުބާރާތުގައި ޖުމްލަ ފަސް ކެޓެގަރީއަކަށް 36 ފަރާތަކުން ހުށަހެޅުންތައް ހުށަހެޅި އެވެ. އޭގެތެރެއިން ކޮންމެ ކެޓެގަރީއަކުން ވެސް އެއްވަނަ އަދި ދެވަނަ ހުށަހެޅުން ހޮވި އެވެ. އެއްވަނައަށް ހޮވުނު ހުށަހެޅުންތަކަށް އެއް އަހަރުގެ ކުލި ހިލޭ ވާއިރު، ދެވަނަ އަށްދާ ހުށަހެޅުންތަކަށް ހަމަހުގެ ކުލި މުޅިން ހިލޭ ވާނެ އެވެ.
ފޭސް ދޭއްގައި މުޅިއެކު 7000 ޔުނިޓުގައި މީހުން ދިރިއުޅެމުން އަންނަ އިރު، އަލަށް ހުޅުވުނު މި ސްޓޫޑިއޯގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އެ ސްޓޫޑިއޯ ހިންގާ ފަރާތުން އުއްމީދު ކުރެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސްޓޫޑިއޯގެ ވިޔަފާރި ފުޅާކޮށް ކަރުދާސް ކޮތަޅު އުފެއްދުމުގެ މަސައްކަތް ކުރުމަށް ވިސްނާ ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.










