ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އަންނަ ފެބްރުއަރީ މަހުގެ 16 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ރައީސް އޮފީހުން ނިންމައިފި އެވެ.
މި ޖަލްސާ ފެބްރުއަރީ މަހު ބާއްވާ ގޮތަށް ނިންމާފައިވަނީ މި ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަން ނިންމާފައިވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނަ އަކާއި ހަނދާނީ ލިޔުމެކެވެ.
މިއަހަރުގެ އިނާމަށް 110 ބޭފުޅަކު ވަނީ ނަން ހުށަހަޅާފަ އެވެ. މިއަހަރުގެ އިނާމު ދޭނެ ބޭފުޅުން ކަނޑައެޅީ އެކަމަށްޓަކައި ރައީސުލަޖުމްހޫރިއްޔާ އެކުލަވާލާފައިވާ ޓީމަކުންނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން މިދިޔަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.














