ޗާގޯސް މައްސަލައާ ގުޅޭ ގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.
އިސްކަންދަރު ކޮށީގައި ކުރިއަށް ދިޔަ މި ސެޝަނުގައި ފުލުހުންނަށް މައުލޫމާތު ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެވެ.
ފުލުހުން ބުނި ގޮތުގައި ސެޝަން ކުރިއަށް ގެންދަން ނިންމާފައިވަނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.
މި ސެޝަންގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސީޕީ މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި އެވެ.
މޮރިޝަސް އިން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ އެގައުމާއި އެއްކޮޅަށް ނިމި 2019 ވަނަ އަހަރު އެ ކޯޓުން ވަނީ ޗާގޮސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފަ އެވެ. ނަމަވެސް މިހާތަނަށް އެ ނިންމުމަށް އިނގިރޭސިވިލާތުން އިޖާބަދީފައެއް ނުވެ އެވެ.

މީގެ ކުރިން މެއި 22، 2019، ގައި އދ. އިން އެ ނިންމުމަށް ތާއީދުކޮށް ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސް އާއި ހަވާލުކުރުމަށް 116 ގައުމުގެ ވޯޓާއި އެކު ފާސްކުރި ގަރާރުގައި ރާއްޖެއިން ވޯޓުލީ ދެކޮޅަށެވެ.
އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުވިކަން އެނގުނީ މިހާރު ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުންނެވެ.
ނަމަވެސް އެ މައްސަލައިގެ ސްޓޭންޑަށް އައި ބަދަލުގެ ސަބަބުން ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
އޭގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބުމަށް ރާއްޖެއިން ތާއިދުކޮށް އެ ގައުމާއި އެއްކޮޅަށް ވޯޓުލާން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ސަރުކާރުން ކުރިން ބޭއްވި ނޫސް ބައްދަލުވުމުގައި ބަންޑާރަ ނައިބު ރިފްއަތާއި މިިނިސްޓަރު ޝާހިދު ވެސް ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުޑަ މިންވަރެއް އުނިކުރުމަށް ވެސް ދިވެހި ދައުލަތުން ވަކާލާތުކޮށްފައިނުވާނެ ކަމަށެވެ. އަދި މައްސަލަ ވެސް މޮރިޝަސްއާ އެއްކޮޅަށް ނިމިގެން ނުދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިފްއަތު ވިދާޅުވެފައިވެ އެވެ.











