ދޯހާ، ގަތަރު (ޑިސެމްބަރު 5) - ރަން ޖީލުގެ ލަގަބު ބެލްޖިއަމްގެ މިހާރުގެ ޓީމަށް ހައްގު ނޫން ކަމަށާއި، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔުމަކީ އެ ޓީމަށް ލަދުވެތި ނަތީޖާއެއް ކަމަށް ބެލްޖިއަމްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ބުނެފި އެވެ.
މި ފަހަރު ވެސް ވޯލްޑް ކަޕްގެ އެއް ފޭވަރިޓުންގެ ގޮތުގައި އައިސް ބެލްޖިއަމް ގައުމަށް ދާން ޖެހުނީ ހުސްއަތާ އެވެ. ރަޝިއާގައި 2018ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ ނަމަވެސް މިފަހަރު އެޓީމް ގްރޫޕް ސްޓޭޖުން ކެޓީ ދަށް ކުޅުމަކާ އެކު ދަށް ނަތީޖާތަކަކުންނެވެ. އެ ގޮތުން މޮރޮކޯ އަތުން 2-0 އިން ބަލިވިއިރު، ކްރޮއޭޝިއާއާ ވާދަކޮށް 0-0 އިން އެއްވަރުވި އެވެ. ކެނަޑާ އަތުން 1-0 އިން މޮޅުވި މެޗުގައި ވެސް ފެނުނީ ވަރަށް ދަށް ކުޅުމެކެވެ.
އަނެއްކޮޅުން ގްރޫޕް ސްޓޭޖުން ކެޓުމާ އެކު އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒް ވެސް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.
މުބާރާތުގައި ބެލްޖިއަމުން ދެއްކި ކުޅުމާ ގުޅޭގޮތުން ކޯޓުއާ ބުނީ މިދިޔަ ދެ ބޮޑު މުބާރާތުގައި ވެސް ބެލްޖިއަމުން ދެއްކީ ހުރިހާ ކުޅުންތެރިން ވެސް ލަދު ގަންނަން ޖެހޭ ވަރުގެ ކުޅުމެއްކަމަށެވެ.
އޭނާ ބުނީ މި ޓީމަކީ "ގޯލްޑަން ޖެނެރޭޝަން"ގެ ގޮތުގައި އެންމެން ސިފަކުރި ނަމަވެސް އޭނާ އެކަމަށް އެއްބަސްނުވާ ކަމަށެވެ. ސަބަބަކީ އެވަރުގެ ބޮޑު ލަގަބެއް ދޭވަރުގެ އެއްވެސް ކަމެއް މި ޓީމަށް ކުރެވިފައި ނެތުމެވެ.
ކޯޓުއާ ބުނީ މި ޓީމަކީ ބެލްޖިއަމްގެ ތާރީޚުގައި އެންމެ ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމު ކަމަށާއި، ނަމަވެސް މި ހުރިހާ ހުނަރުވެރި ކުޅުންތެރިންނާ އެކު ކާމިޔާބެއް ނުހޯދުމަކީ އެންމެންވެސް ލަދު ގަންނަން ޖެހޭނެ ވަރުގެ ކަމެއްކަމަށެވެ.
"އަހަރެން ގަބޫލެއް ނުކުރަން މިއީ ތިބުނާ ގޯލްޑަން ޖެނެރޭޝަން ކަމަކަށް. އަހަރުމެންނަށް ނުކުރެވުނު އެއްކަމެއްވެސް ތި ލަގަބު ލިބޭކަށް. ޓީމް ލަދު ގަންނަންޖެހޭ މިގޮތަށް ކަޓައިގެން ދިޔައިމަ. މިއީ އަހަރުމެންގެ ފެންވަރެއް ނޫން" 30 އަހަރުގެ ކޯޓުއާ ބުންޏެވެ.
ބެލްޖިއަމް ޓީމަށް މިފަހަރު ރަނގަޅަށް ނުކުޅެވުނު މައިގަނޑު ސަބަބެއްކަމަށް ތަޖުރިބާކާރުން ގަބޫލުކުރަނީ ޓީމް ތެރޭގައި މައްސަލަތަކެއް ހުރުމެވެ. މިގޮތުން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ މައްސަލަޖެހި ޓީމްތެރޭގައި ޒުވާބު ކުރާ މައްސަލަވެސް ވަނީ ފެންމަތިވެފަ އެވެ.
އޭގެ ތެރެއިންވެސް ޓީމްގެ ސީނިއާ ކުޅުންތެރިންގެ އަމިއްލަ މައްސަލަތައް ޓީމްތެރޭގައި ބޮޑުވެ އިންޓަވިއުތަކުގައި އެހެން ކުޅުންތެރިން ގޯސްކުރާ ހިސާބަށް ދިޔުމަކީ މެޗުތަކުގައި ރަނގަޅަށް ނުކުޅެވުމުގެ އެއް ސަބަބުކަމަށް މީޑީއާތަކުން ރިޕޯޓްކުރެ އެވެ.
ކޯޓުއާ ބުނީ ޓީމަށް ބަދަލުތަކެއް އަންނަން ޖެހޭކަމަށް ގަބޫލުކުރާކަމަށާއި، ބައެއް ކުޅުންތެރިން ޓީމާ ދުރުވާނެކަން ޔަގީންވާކަމަށެވެ. އަންނަ މާޗް މަހު ޔޫރޯ ކޮލިފައިން މެޗުތައް ފަށާއިރު އެ ބަދަލުތައް ޓީމުން ފެންނާނެކަމަށް ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ.
ޔޫރޯ ކޮލިފައިންގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި މާޗް 23 ގައި ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. މި ދެ ޓީމާއިއެކު ޔޫރޯ ކޮލިފައިން ގްރޫޕް އެފްގައި ހިމެނެނީ އޮސްޓްރިއާ، އަޒަރުބައިޖާން އަދި އެސްޓޯނިއާ އެވެ.












