މިހާރު ކުރިއަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ފައިނަލުން ކުއީންސް ބީސީ އާއި ސައިކްލޯން ބީސީ ޖާގަ ހޯދިއިރު، ފިރިހެން ޑިވިޝަންގެ ފައިނަލުން ކިންގްސް ބީސީ އާއި ޓީރެކްސް ބީސީ ޖާގަ ހޯދައިފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ފެށި އެމްބީއޭ ޗެމްޕިއަންޝިޕްގެ މި އަހަރުގެ ފޯމެޓް ރޭވިފައި އޮތީ ތިން ބުރެއްގެ މަތިން މެޗުތަކެއް ކުޅުމަށް ފަހު ކުރިހޯދާ ދެ ޓީމަކަށް ފައިނަލުން ޓީމުތަކަށް ފުރުސަތު ލިބޭ ގޮތަށެވެ.
އެ ގޮތުން އަންހެން ބައިގައި ވާދަކުރި ހަ ޓީމް ދެ ގްރޫޕަކަށް ބަހާލެވުނެވެ. ދެވަނަ ބުރުން ފުރުސަތު ލިބުނީ ފުރަތަމަ ބުރުގެ ދެ ގްރޫޕުގެ ގަދަ ދެ ޓީމަށާއި، ފުލަށް ދިޔަ ދެ ޓީމްގެ މެދުގައި ޕްލޭއޮފް މެޗެއް ކުޅެގެން ކުރި ހޯދި ޓީމަށެވެ. ތިން ވަނަ ބުރުން ފުރުސަތު ލިބުނީ ދެވަނަ ބުރު ލީގު އުސޫލުން ކުޅެ ކުރިހޯދި ގަދަ ހަތަރު ޓީމަށެވެ.
ތިން ވަނަ ބުރުގެ މެޗުތަކަށްފަހު ކުރީގައި އޮވެ ނިންމާލި ދެ ޓީމްކަމަށްވާ ކުއީންސް ބީސީ އާއި ސައިކްލޯން ބީސީ ވަނީ ފައިނަލުން ފުރުސަތު ހޯދާފަ އެވެ. ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރު އެވެ.
ކުއީންސް ބީސީ ވަނީ މިހާތަނަށް މުބާރާތުގައި އެޓީމް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. ފައިނަލަށް އެޓީމާ ދެކޮޅަށް ނުކުންނަ ސައިކްލޯން އަތުންވެސް އެޓީމް ވަނީ މި މުބާރާތުގައި ތިން ފަހަރަށް މޮޅުވެފަ އެވެ.
ސައިކްލޯން އަށް ބަލާއިރު، ކުއީންސް އަތުން ބަލިވިނަމަވެސް އެޓީމުން ވަނީ ބާކީ ހުރި ޓީމްތައް އަތުން ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. މިގޮތުން ތިން ވަނަ އަށް ދިޔަ އެލީޓް ބީސީ އާއި ހަތަރުވަނަ އަށް ދިޔަ ބެންޗް ސްޕޯޓްސް ކުލަބު އަތުންވެސް ސައިކްލޯން ވަނީ ލީގު ބުރުގައި މޮޅުވެފަ އެވެ.

ބެންޗާއި ރައިސިން ބާސްކެޓްބޯލް އެކެޑަމީ ކުޅުނު މެޗުގެ ތެރެއިން؛.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދީ ޓީރެކްސް ބީސީ އާއި ކިންގްސް ބީސީ އެވެ.
މާދަމާ ރޭ ކުޅޭ ފައިނަލުގައި ވާދަކުރާ ޓީރެކްސް އިން ވަނީ ތިން ވަނަ ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. ޓީރެކްސް އަތުން ބަލިވި ނަމަވެސް ކިންގްސް އިން ވަނީ ދަ ބައުސް އާއި ރެޑްވިންގްސް ބީސީ އަތުން މޮޅުވެފަ އެވެ.
މިއަހަރު މުޅިން އަލަށް ތައާރަފްކުރި އެމްބީއޭ ޝީލްޑް ބައިގެ ފައިނަލުން ޖާގަ ހޯދާ ޓީމެއް ޔަގީން ވަނީ މިއަދު ކުޅޭ ލީގު ބުރުގެ ފަހު މެޗުތަކާއިއެކުގަ އެވެ. ޝީލްޑް ބައިގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.












