ރިޕޯޓުއެޗްއައިވީ އެއިޑްސް؛ މިހާރު އެއީ މަރުގެ ހުކުމެއް ނޫން

އެޗްއައިވީ އެއިޑްސް؛ މިހާރު އެއީ މަރުގެ ހުކުމެއް ނޫން

އެޗްއައިވީ ޓެސްޓެއްގެ ޕޮޒިޓިވް ނަތީޖާ ދައްކުވައިދޭ ފޮޓޯއެއް
އެޗްއައިވީ ޓެސްޓެއްގެ ޕޮޒިޓިވް ނަތީޖާ ދައްކުވައިދޭ ފޮޓޯއެއް

އެޗްއައިވީ ނުވަތަ އެއިޑްސްއޭ ބުނުމުން ހިތަށް އަރަނީ އެއީ މަރުގެ ހުކުމެއް ކަމެވެ. އެއިޑްސް ބަލި ޖެހިއްޖެ ނަމަ ދެން ލަސްތަކެއް ނުވެ މީހާ މަރުވެ ނިމިދާނެ ކަމެވެ. ފަހަރުގައި އެއީ އެއިޑްސްއާމެދު ހޭލުންތެރިކަން އޮތް މިންވަރު ދައްކުވައިދޭ ގަބޫލުކުރުމެކެވެ. އެހެން ނަމަވެސް ޒަމާނީ ބޭސްވެރިކަން މިވަނީ އެޗްއައިވީ އަދި އެއިޑްސްއާއެކު އާންމު ދިރިއުޅުމެއް އުޅެވޭހާ ކުރިއަރާފަ އެވެ.

ހިއުމަން އިމިއުނޯޑެފިޝިއެންސީ ވައިރަސް (އެޗްއައިވީ) އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ހަލާކުކޮށްލާ ވައިރަސް އެކެވެ. ހަށިގަނޑުން ޖަރާސީމުތަކާ ހަނގުރާމަ ކުރުމުގެ ބާރު ދަށްކޮށްލާ މި ވައިރަސް އެއިޑްސްއަށް ބަދަލުވަނީ ވަކި މިންވަރަކަށް ހަށިގަނޑުގެ ދިފާއީ ބާރު ދަށްކޮށްލާ، ޖަރާސީމުތަކުގެ ސަބަބުން ވަކި ބައްޔެއް ޖެހުމުންނެވެ.

"އެޗްއައިވީއަކީ މިހާރުގެ ޓްރީޓްމަންޓާއެކީގައި ބޭސް ބޭނުން ކުރާ ކަމުގައިވާނަމަ އާންމު އިންސާނަކު ދިރިހުންނަ އުމުރުގައި ހިފަހައްޓާލާނެ ބައްޔެއް. އެޗްއައިވީއާއެކު އާންމު ދިރިއުޅުމެއް އުޅެވިދާނެ" އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ޒޫޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޗްއައިވީ ޖެހިފައިވާ މީހަކު، އެއިޑްސްއަށް ބަދަލުނުވެ 10 އަހަރު ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ހަކުރު ބައްޔަށް ފަރުވާ ކުރާހެން އެޗްއައިވީއަށް ފަރުވާ ކުރާނަމަ، އެއީ އެއްހަމައެއްގައި ހިފެހެއްޓޭނެ ދެ ބަލިކަން އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މި ކުޑަކުޑަ އާބާދީގައި ވެސް އެޗްއައިވީއާއެކު ދިރިއުޅޭ 22 މީހުން އެބަތިއްބެވެ. އަދި ގައިގައި ވައިރަސް އަށަގެންފައިވާކަން ނޭނގި ތިބި ބަޔަކު ވެސް ތިބެދާނެ އެވެ. އެޗްއައިވީ ހުރިކަން ދެނެގަތުމަށް ސްކްރީން ކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ސްކްރީން ކުރަން ދާންވީ ކޮންއިރަކުތޯ ސުވާލު ކުރެވެ އެެވެ.

ޑރ. ޒޫޝަން ކިޔައިދެއްވި ގޮތުގައި އެޗްއައިވީ ހުރިތޯ ޓެސްޓު ކުރަންވީ އެންމެ ރަނގަޅު ވަގުތަކީ އެކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައްޔާއި، އެޗްއައިވީ ޖެހިދާނެފަދަ ކަމެއްގައި ޝާމިލުވެފައި ހުރެއްޖެ ނަމަ އެވެ. އެގޮތުން އެފަދަ ކަމެއްގައި ޝާމިލުވެ ނުވަތަ ވައިރަސް ހުރެދާނެ ކަމަށް ޝައްކު ކުރެވޭ މީހަކު ރޯގާޖެހި، ހުން އަންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއައިވީއަށް ޓެސްޓު ކުރަން ބޭނުންވާ މީހުން ކޮންމެ ޑޮކްޓަރަކަށް ދައްކާލާފައިވެސް އެކަމަށް އެދިއްޖެ ނަމަ ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ އެވެ. މިއީ ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުން ވެސް ހެދޭ، އަދި ފަސޭހަ މަރުހަލާއެކެވެ. ރާއްޖޭގައި ކުރާ އޮޕަރޭޝަންތަކުގެ ކުރިންނާއި، ލޭ ހަދިޔާ ކުރުމުގެ ކުރިން އަދި ބޭރު މަސައްކަތްތެރިންގެ މެޑިކަލްގެ ތެރެއިން ވެސް އެޗްއައިވީއަށް ޓެސްޓު ކުރެ އެވެ.

އެޗްއައިވީ ފެތުރޭ ގޮތްތައް:

  • ހުރަސް ބޭނުން ނުކޮށް ޖިންސީ ގުޅުން ހިންގުން
  • އެޗްއައިވީ ޖެހިފައިހުރި މީހަކު ބޭނުންކޮށްފައިވާ ސިރިންޖު ނުވަތަ ކަށި ބޭނުން ކުރުން (މަސްތުވާތަކެތި ބޭނުންކުރަން، ޓެޓޫ ޖަހަން، ހަށިގަނޑުގެ ތަންތަން ތޮރުފަން އަދި ސިއްހީ ހިދުމަތުގެ ތެރެއިން)
  • އެޗްއައިވީ ޕޮޒިޓިވް މަންމަގެ ފަރާތުން ވިހާ ތުއްތު ދަރިފުޅަށް
  • ޓެސްޓުނުކޮށް ހުރި ލޭ އެޅުން
  • އެޗްއައިވީ ޕޮޒިޓިވް ބަލިމީހެއްގެ ލޭ، ލޯފަދަ ތަނަކަށް އެޅުން

ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގައިގެން ވެސް އެޗްއައިވީ ޖެހުމުގެ ފުރުސަތު އެންމެ ބޮޑުވަނީ ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުމުންނެވެ. އަދި ހުރަހެއް ބޭނުންނުކޮށް ޖިންސީ ގުޅުން ހިންގުމުން ވެސް މި ވައިރަސް ފެތުރޭއިރު، އަނގަ ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގާއިރުވެސް މި ވައިރަސް އެރުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް އެގޮތަށް ވައިރަސް ފެތުރެނީ އާންމުކޮށް އަނގައިގައި ނުވަތަ ޖިންސީ ގުނަވަނުގައި ތަންކޮޅެއް ހަލާކުވެފައި ހުރުމުންނެވެ.

މި ބައްޔަކީ ރާއްޖޭގައި އާންމު ބައްޔެއް ނޫން ކަމަށްވުމާއެކު ބައްޔާމެދު އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދަށްވެދާނެ އެވެ. އެގޮތުން އެޗްއައިީވީއަކީ އެހެނިހެން ގޮތްގޮތުން ގައިންގަޔަށް އަރާފާނެ ބައްޔެއް ކަމަށް ގަބޫލުކުރެވިފައި އޮވެދާނެ އެވެ. ނަމަވެސް މަދިރީގެ ސަބަބުން ނުވަތަ އެޗްއައިވީ ޖެހިފައިވާ މީހަކާއެކު ދިރިއުޅޭ، އޭނާ ބޭނުންކުރާ ތަކެތި ބޭނުންކޮށްގެނެއް އެޗްއައިވީއެއް ނުޖެހޭނެ އެވެ.

ފަރުވާ އެބަ އޮތް، ފަރުވާ ހޯދޭނެ

އެޗްއައިވީ ވައިރަސް ގަޔަށް އަރައިގެން، ހަށިގަނޑުގެ އެތެރޭގެ ސެލްތަކާ ހަމައަށް ދިއުމާ ދޭތެރޭ އެކި މަރުހަލާތައް ހުރެ އެވެ. މިއިން ކޮންމެ މަރުހަލާއެއް ލަސްކުރުމަށް ބޭސްތައް އުފައްދާފައި އެބަހުއްޓެވެ.

ޑރ. ޒޫޝަން ވިދާޅުވީ މިހާރުގެ ފަރުވާގައި ހިމެނޭ ބޭހަކީ ތިން މަރުހަލާއެއް ލަސްކޮށްދޭ ބޭހެއް ކަމަށާއި، ދުވާލަކު އެއްފަހަރު ކާންޖެހޭ މި ބޭހުގެެ ފައިދާ ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ މި ބޭސް ހަ މަސް ވަންދެން ބޭނުންކުރުމުން އެޗްއައިވީ ހަށިގަނޑުގައި ހުރި މިންވަރު ދަށްކޮށްލާ ކަމަށެވެ. އަދި ޓެސްޓުތަކަށް އެޗްއައިވީ ހުރިކަން ނޭނގޭ މިންވަރަށް ދަށްކޮށްލާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެޗްއައިވީއަށް ދޭ ފަރުވާއަކީ އަގުބޮޑު ފަރުވާއެއް ނަމަވެސް ރާއްޖޭގައި މި ފަރުވާ ދެނީ މުޅިން ހިލޭ އެވެ. ރާއްޖޭގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ވެސް މި ފަރުވާ ހިލޭ ފޯރުކޮށްދޭކަން ފާހަގަކޮށްލެވެ އެވެ.

އެޗްއައިވީ ޖެހިފައިވާ މީހުންނަކީ އާންމު ދިރިއުޅުމެއް އުޅެވިދާނެ ބައެކެވެ. އެގޮތުން، ދެމަފިރިންގެ ތެރެއިން އެކަކަށް އެޗްއައިވީ ޖެހިފައިވާ ނަމަވެސް ސަލާމަތީ ފިޔަވަޅުތަކާއި، ބޭހުގެ އެހީގައި ދެ މީހުންނަށް އުފާވެރި ޖަވާޖީ ހަޔާތެއް އުޅެވިދާނެ އެވެ. ޑރ. ޒޫޝަން ވިދާޅުވީ މިފަދަ ހާލަތެއްގައި ހުރަހެއް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގަން ބާރުއަޅާ ކަމަށާއި، ބަލިއެރުމުގެ ފުރުސަތު ކިތަންމެ ކުޑަވިޔަސް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ބާރުއަޅާ ކަމަށެވެ.

އޭނާ ވިދާޅުވީ އެޗްއައިވީ ނެތް ބައިވެރިޔާއަށް ޖިންސީ ގުޅުން ހިންގުމުގެ ކުރިން، ބައްޔަށް ހުށަހެޅިދާނެ ކަމަށް ޕްރި-އެކްސްޕޯޒާ ޕްރޮފިލެކްސް އަދި ގުޅުން ހިންގުމަށްފަހު ޕޯސްޓް-އެކްސްޕޯޒާ ޕްރޮފިލެކްސް ފަރުވާ ހުންނަ ކަމަށެވެ. އަދި ޕޯސްޓް-އެކްސްޕޯޒާ ޕްރޮފިލެކްސް އަކީ ސިއްހީ ހިދުމަތްތެރިން ވެސް ބައްޔަށް ހުށަހެޅިއްޖެ ހާލަތެއްގައި ބޭނުންކުރާ ފަރުވާއެއްކަން ޑރ. ޒޫޝަން ފާހަގަކުރެއްވި އެވެ.

އެޗްއައިވީއަށް ފަރުވާ ކުރުމުގައި ބޭސްވެރިކަން ކުރިއަރާފައިވާއިރު، ސިއްހީ ދާއިރާގައި މިހާރު އެޗްއައިވީ ދެކެނީ ހަކުރު ބައްޔާ އެއްހަމައެއްގަ އެވެ. ހަކުރު ބައްޔާއެކު ދިރިއުޅުމަށްވުރެ ޒަމާނީ ފަރުވާއާއެކު އެޗްއައިވީއާއެކު ދިރިއުޅުން ފަސޭހަ ކަމަށް ދެކެ އެވެ.

ނިމާ ހަސަން

ޖާނަލިސްޓް

ނިިމާ ހަސަނަކީ އިޖުތިމާއީ ދާއިރާގެ ހަބަރުތަކާއި ރިޕޯޓުތަކަށް ހާއްސަ ނޫސްވެރިއެކެވެ. އެ ނޫނަސް އެހެން ދާއިރާތަކަށް ވެސް އޭނާގެ ގަލަން ހިނގަ އެވެ. "ދަޕްރެސް" އިން ނޫސްވެރިކަމުގެ ކެރިއަރު ފެށި ނިމާ ވަނީ 2019 ވަނަ އަހަރު އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޯމިނޭޓުވެފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox