ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތު ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ގުޅިގެން ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އެ ސިޓީގެ ކައުންސިލްގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ތެރެއިން ސިއްހަތާއި ދުޅަހެޔޮކަމާ ގުޅޭ ކޭމްޕެއްގެ އިތުރުން ހުރިހާ އެންމެނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުޅިވަރު ފެސްޓިވަލެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި ކުޅިވަރު ފެސްޓިވަލަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ގައުމީ ޕެރަލިމްޕިކް ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ފެސްޓިވަލުގައި އެ ސިޓީގެ 90 އަށްވުރެ ގިނަ ކުދިން ބައިވެރިވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: ދިރާގު
މި ހަރަކާތްތަކުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ރަށު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ކުރިއަށް ގެންގޮސްފައިވަނީ މެޑިކަލް ސްކްރީނިންއާއި ތެރަޕީ އަދި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސިއްހަތާއި ދުޅަހެޔޮކަމާ ގުޅޭ ކޭމްޕެވެ. މި ކޭމްޕުގައި މީހުން ސްކްރީން ކޮށްފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ސްޕެޝަލިސްޓުންނެވެ.
އޭގެތެރޭގައި އަޑުއިވުމާއި ވާކަދެއްކުމުގެ ދަތިކަން ހުންނަ ކުދިންނަށް ފަރުވާ ދޭ ތެރަޕިސްޓުންނާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި ދަތުގެ ހާއްސަ ޑޮކްޓަރުންގެ އިތުރުން ކަށީގެ ޑޮކްޓަރުންނާއި ފިޒިއޮތެރަޕިސްޓުން ހިމެނެ އެވެ. މި ކޭމްޕުގައި 200 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ފަރާތްތަކުން ވަނީ ބައިވެރިވި އެވެ.
މި ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އޭ.ޕީ.ޑީ ގެ ޗެއާޕާސަން ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕުލެޓުފޯމެއް ހޯދައިދިނުމުގައި ދިރާގުން މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށާއި އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ އާންމު އިޖުތިމާއީ ޒިންމާގެ މެނޭޖަރު، ބިޝާރާ ހަމީދު ވިދާޅުވީ މި ހަރަކާތްތަކަށް ދިރާގުން އެއްބާރުލުންދީ ސަޕޯޓު ދިނުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މުޖުތަމައުތައް ބާރުވެރި ކުރުވައި މުޖުތަމައުގެ އެންމެން ޝާމިލުވާ ގޮތަށް މިފަދަ ޕުރޮގުރާމުތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭނެ ކަމަށެވެ.
ދިރާގުގެ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރި ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދެ އެވެ. އެގޮތުން އެކިއެކި އެންޖީއޯތަކާ ގުޅިގެން ތަފާތު ޕުރޮގުރާމުތަކަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.











