ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން، ޔޫސުފް އަޒްޔާން ފަރުހަތު ޖަލީލް އަށް އަނިޔާވެ، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
އަޒްޔާން 22، ކުޅެމުން އަންނަނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްޓަން ޕެނިންސޫލާ ކްރިކެޓު ކުލަބަށެވެ. އެ ކުލަބާ އަޒްޔާން ގުޅުނީ މިދިޔަ އޮކްޓޯބަރު މަހުގަ އެވެ.
އޮސްޓްރޭލިއާ ކުލަބުގެ ފަރިތަކުރުންތަކުގައި ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ މި ވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ. މި އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
އޮސްޓްރޭލިއާގައި ހުރެ، "އަދަދު" އަށް މައުލޫމާތު ދެމުން އަޒްޔާން ބުނީ ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ސާޖަރީއެއް ހަދަން ޑޮކްޓަރު އިރުޝާދުދީފައިވާ ކަމަށެވެ. އަދި އެ ގޮތުގެ މަތިން ކުރިއަށް ގޮސް، ސާޖަރީ ހަދައިފި ނަމަ 4-6 މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.
"އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކުޅުންތެރިންވެސް ކޮންސަލްޓް ކުރާ ޑޮކްޓަރަކަށް މި ދެއްކީ. ޑޮކްޓަރު ބުނަނީ ސާޖަރީ ހަދަން. ސާޖަރީ ނަހަދައިފިނަމަ ދެ ތިން އަހަރު ފަހުން މާ ގިނަ އުނދަގޫތައް ދިމާވާނެކަމަށް ބުނަނީ. އެހެންވެ މާލެ ގޮސް އަދި އެންމެންނާ މަޝްވަރާކޮށްފަ ސާޖަރީގެ ކަންކަމާ އުޅޭނީ" ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކްރިކެޓް ކުޅުންތެރިޔާ، އަޒްޔާން ބުންޏެވެ.

އޮސްޓްރޭލިއާގައި އަޒްޔާން ކްރިކެޓް ކުޅެނީ.
އަޒްޔާން ބުނީ އެންމެ ފުރަތަމަ އޭނާގެ ކޮނޑުހުޅަށް އަނިޔާވީ މެލޭޝިޔާގައި މި އަހަރު ކުރިއަށްދިޔަ މުބާރާތުގައި ކަމަށެވެ. އޭގެ ފަހުން މާލޭގެ ޑޮކްޓަރުންނަށް ދައްކައި، ކުޅުމުގެ ތެރެއަށް އައީ ޑޮކްޓަރުންގެ ލަފަޔާ އެކު ރަނގަޅަށް އަރާމްކުރަން ބުނި މުއްދަތުގައި އެކަން ވެސް ކޮށްފައި ކަމަށެވެ.
"މާލޭގެ އެންމެ ސީނިއާ ޑޮކްޓަރުންނަށް ދައްކާފައި އެ މީހުން ބުނި ގޮތަށް ހެދީ. ރަސްޓުކޮށްފައި ދެން ކުޅެން ނިކުތީ. މާލޭގެ މުބާރާތް ވެސް ކުޅުނިން އޭގެ ފަހުން. ދެން އޮސްޓްރޭލިއާ އަށް އައިސް ޓީމާ އެކު މިދިޔަ ހަފްތާގައި ފަރިތަކުރަނިކޮށް އަނެއްކާވެސް ކޮނޑަށް ތަދުވެގެން ޗެކުކުރި އިރު މާ ބޮޑުވަރުވެފައި އިނީ،" ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދި އަޒްޔާން ބުންޏެވެ.
މިދިޔަ ދެތިން އަހަރަށް ބަލާއިރު ރާއްޖޭގެ ގައުމީ ކްރިކެޓު ޓީމާއި ކުލަބު ލެވެލްގައި ވެސް ބޮޑު ކުރިއެރުމެއް ހޯދި އަޒްޔާންގެ އުއްމީދަކީ ސާޖަރީއަށް ކޮށްފިނަމަ ވަރުގަދަކޮށް އެނބުރި އައުމެވެ.
އަޒްޔާން މި ވަގުތު އޮސްޓްރޭލިއާގެ ފްރެންކްސްޓަން ޕެނިންސޫލާ ކްރިކެޓު ކުލަބަށް ކުޅެމުން މި އަންނަނީ އޭނާ އަށް އިރުޝާދުދިން އޮސްޓްރޭލިއާގެ ކޯޗު ޑީން ވުޑްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އަޒްޔާން ވަނީ މީގެ ކުރިން ކޯޗު ޑީންއާ އެކު 2018 އަދި 2019 ގައި ވިކްޓޯރިއާގެ ގްރީންވޭލް ކެންގަރޫސް ކްރިކެޓު ކުލަބަށް ވެސް ކުޅެފަ އެވެ.












