ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން އެޗްޑީސީން އިސްނަގައިގެން އިންތިޒާމުކުރި ސްމާޓުކޮމް ފެއާ ހުޅުމާލޭގައި މިއަދު ފަށައިފި އެވެ.
ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ފެށި މި ފެއާ އަކީ ހުޅުމާލެ ސްމާޓު ސިޓީއަކަށް ހެދުމަށްޓަކައި އެ ކުންފުނިން ތައާރަފުކުރި ސްމާޓުކޮމް ބުރޭންޑަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފެއާ އެކެވެ. މި ފެއާ ހުޅުވައިދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ، އިސްމާއިލް ރަޝީދު އެވެ.

ސްމާޓްކޮމް ފެއާގައި އުރީދޫއިން ހިންގާ ސްޓޯލް -- ފޮޓޯ: އުރީދޫ
އެޗްޑީސީން ބުނީ މި ހަރަކާތް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރާއްޖޭގައި ތަފާތު އެކި ހިދުމަތްތައް ދިނުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން، ވެބްސައިޓްތައް، އަދި އެހެނިހެން ޑިޖިޓަލް ވަސީލަތްތަކަށް މީހުން އަހުލުވެރިކޮށް އެންމެ ހެޔޮގޮތުގައި އޭގެ ބޭނުން ހިފުމަށް ބާރު އެޅުން ކަމަށެވެ.
"ސްމާޓު ސިޓީއެއް ބިނާކުރެވޭނީ ސްމާޓު ރައްޔިތެއް އުފެއްދިގެން، އެހެންވީމަ އެ މަސައްކަތް ކުރެވެމުން މިދަނީ،" އެޗްޑީސީގެ އެސިސްޓަންޓު ޑިރެކްޓާ އޮފް ބިޒްނަސް ސޮލިއުޝަންސް، ހައްވާ ޔުމްނާ ވިދާޅުވި އެވެ.
އުރީދޫ، މީޑީއާނެޓު، ބީއެމްއެލް، ދިރާގު އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި ޕެންޝަން އޮފީހުގެ އިތުރުން އެޗްޑީސީގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދޭ ސްޓޯލްތަކާ އެކު ޖުމްލަ 27 ފަރާތަކުން އެ ފެއާގައި ބައިވެރިވެ އެވެ.

ބީއެމްއެލްގެ ސްޓޯލުގައި އެ ބޭންކުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެނީ -- ފޮޓޯ: ބީއެމްއެލް
"އެބޭފުޅުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އެބަ މީހުން އަހުލުވެރި ކުރުވާ، ރައްކާތެރިކޮށް އިންޓަނެޓު ބޭނުން ކުރާނެ ގޮތް އެބަ ކިޔައިދޭ، މީހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުމެއް ލިބޭކަން ފާހަގަ ކުރެވޭ،" ޔުމްނާ ވިދާޅުވި އެވެ.
މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި ނަސީބުވެރިންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފެއާ މިރޭ 10:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.










