ރާއްޖޭގައި އެޗްއައިވީ އެއިޑްސް ޖެހިގެން ފަރުވާ ހޯދާ 22 މީހުން އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެެވެ.
އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ އެއިޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ބަލި ފެތުރުމަށް މަގުފަހިވާފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުން ކަމަށެވެ.
އެގޮތުން މިއަދު ރާއްޖޭގައި މިދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 5-12 އަށް ގއ.އަތޮޅުގަ އެވެ.
މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރަކީ "އެޗްއައިވީން ރައްކާތެރިވުމަށްޓަކައި ގަވައިދުން ޓެސްޓު ކުރަމާ" އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭން އެންމެ ފުރަތަމަ އެޗްއައިވީ ފެނިފައިވަނީ 1991 ވަނަ އަހަރު ކަމަށެވެ. އެގޮތުން ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 39 އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އޭގެ ތެރޭގައި ހަ އަންހެނުންނާއި 33 ފިރިހެނުން ހިމެނެ އެވެ. މި ބަލީގައި މިހާތަނަށް 15 މީހަކު ދުނިޔެ ދޫކޮށްފައިވާއިރު، މިވަގުތު 22 މީހުން މި ބައްޔަށް ދަނީ ފަރުވާ ހޯދަމުންނެވެ.
އެޗްއައިވީއަށް ދެވޭ ފަރުވާއަކީ އެންޓިޓެރޯ ވައިލް ތެރަޕީ (އޭއާރްޓީ) އެވެ. 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް ނޭޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް ހިލޭ މިފަރުވާ ދަނީ ދެމުންނެވެ.
ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި، ގަވައިދުން ބޭސް ބޭނުންކޮށްފި ނަމަ ލޭގައި އެޗްއައިވީ ވައިރަސް ހުންނަ މިންވަރު ދަށްކުރެވެ އެވެ. މީގެ ސަބަބުން ދިފާއޫ ނިޒާމް ރައްކާތެރުކުރެވި ރަނގަޅު ސިއްހަތެއްގައި ގިނަ ދުވަހު ދެމިހުރުމަށް މަގުފަހިވެ އެވެ.
އެޗްޕީއޭން ބުނީ އޭޑްސް އަށް ހޭލުންތެރިކަން އިތުރުކުރުމާއި، ރައްކާތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ގައުމީ ފެންވަރުގައި ރާވައި ހިންގުމާއި، ބަލި ޖެހިފައިވާ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަނީ އެޗްޕީއޭގެ ނޭޝަނަލް އޭޑްސް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.













