ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި، އެގޮތުން މިދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވާޝަން އަދި އާ ވީޑިއޯ ލަވަ އިފްތިތާހުކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ގެވެށި އަނިޔާގެ މައްސަލަތަކަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކުރެއްވި އެވެ.
އެގޮތުން އުފާވެރި އާއިލާއެއް ބިނާކޮށް މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ވިދާޅުވީ، ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި، ހަ މަސްދުވަހުގެ މެޓާނިޓީ ލީވް މަންމައަށް އަދި އެއްމަސް ދުވަހުގެ ޕެޓާނިޓީލީވް ބައްޕައަށް ހަމަޖައްސައިދީ، އަދި މަސައްކަތު މާހައުލުގައި ދަރިންނާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ސްކޫލުތަކުގައި ފެމެލީ ލައުންޖުތައް ގާއިމް ކުރެވޭނެ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، އާއިލީ ގުޅުން ބަދަހިކުރުމަށާއި އުފާވެރި އާއިލާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށާއި ނިމި ދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.












