ރިޕޯޓުވިޓްނަސް ޕްރޮޓެކްޝަން އޯޑަރާއެކު ހެކިންނަށް ހިމާޔަތް ދެވިދާނެތަ؟

ވިޓްނަސް ޕްރޮޓެކްޝަން އޯޑަރާއެކު ހެކިންނަށް ހިމާޔަތް ދެވިދާނެތަ؟

"މިއިން ކޮންމެ ވެސް ވަރަކަށް ދިމާވާ މި މައްސަލަތައް މަދުކޮށްލެވޭނެ، މިއީ ހެޔޮ ފާލެއް، ދެން އެކަމަކު މިއިން އެއްކޮށް ހައްލުވެގެނެއް ވެސް ނުދާނެ، ނުދިޔަކަސް، މި އިޖުރާއަތް ރަނގަޅަށް ތަންފީޒުކޮށްފިއްޔާ ވަރަށް ބޮޑަށް ކަންކަން އިސްލާހު ވާނެ، އެއީ އަޅުގަނޑު ވެސް އެދޭނެ ގޮތަކީ"

މަރުގެ މައްސަލައެއްގައި ފުލުހުން ތަހުގީގުކުރަން ސަރަހައްދެއް ބަންދުކޮށްފައި؛ ފުލުހަށް ބަޔާންދޭ މީހުނާއި ޝަރީއަތަށް ހެކިބަސް ދޭ މީހުނަށް ހިމާޔަތް ދިނުމުގެ އަމުރެއް ކޯޓުން ނެރެވޭ ގޮތަށް ވަނީ ގާނޫނު އިސްލާހުކޮށްފައި - ފޮޓޯ: އަދަދު
މަރުގެ މައްސަލައެއްގައި ފުލުހުން ތަހުގީގުކުރަން ސަރަހައްދެއް ބަންދުކޮށްފައި؛ ފުލުހަށް ބަޔާންދޭ މީހުނާއި ޝަރީއަތަށް ހެކިބަސް ދޭ މީހުނަށް ހިމާޔަތް ދިނުމުގެ އަމުރެއް ކޯޓުން ނެރެވޭ ގޮތަށް ވަނީ ގާނޫނު އިސްލާހުކޮށްފައި - ފޮޓޯ: އަދަދު

މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކު އިންދައި އެތަނަށް ވަދެގަތީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ. އެ ބަޔަކު ވަދެ އެ ޒުވާނާއަށް ހަމަލާދީ މަރާލައިފި އެވެ. މޫނު ނިވާކޮށްގެން ތިބި މީހުންގެ ސިފަ ފެނުނީ ދެ މީހަކަށެވެ. އެ ދެމީހުން އެ ކަމަށް ހެކިވެ، ޝަރީއަތަށް ހެކިބަސް ވެސް ދިނެވެ. އެކަމަކު އެމީހުން ފަހު ވަގުތު ހެކިސް އަނބުރާ ގެންދިޔައީ އެވެ.

ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް "ނަޑޭ" އިބްރާހީމަށް، ޖުލައި 27، 2017 ގައި ހަމަލާދީ މަރާލި މައްސަލާގައި ދައުވާ އުފުލި އެންމެން ވެސް ސަލާމަތްވީ އެ ދެހެކީން އެމީހުންގެ ހެކިބަސް އަނބުރާ ގެންދިއުމުންނެވެ. އެެއިރު ދައުލަތުން ދިޔައީ އެ ހެކިންނަށް ނުފޫޒު ފޯރުވުމާއި، ބިރު ދެއްކުމުގެ އަމަލުތައް ބަޔަކު ހިނގާ ކަމަށް ތުހުމަތުކުރަމުންނެވެ.

އެހެން ނަމަވެސް ހެކިންނަށް ބިރު ދައްކާ ކަމަށް ބާރު ދޭނެ ހެކިތަކެއް ދައުލަތަށް ދެއްކިފައި ނެތެވެ. އެފަދަ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ނެތުމުންނާއި އެފަދަ މައްސަލައެއްގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވިފައެއް ނެތުމުން މައްސަލަ ބައްލަވާ ގާޒީއަށް، ދައުލަތުގެ އެ ވާހަކައަށް ބުރަދަނެއް ނުދެވުނެވެ.

ގއ. މާމެންދޫގައި، އެ ރަށުގެ ގިނަ ބައެއްގެ ކުރިމަތީ ހިނގި މާރާމާރީއެއްގެ ތެރެއިން އަހްމަދު އުދައްޔު މަރާލިއިރު އެ މައްސަލާގައި މަންޒަރު ދުށް މީހުން ހެކިބަސް ދޭން ޖެހުނީ ސިއްރު ހެކިންގެ ގޮތުގަ އެވެ. އެ މައްސަލާގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ގިނަ ބަޔަކު އަދިވެސް ޝަރީއަތަށް ހާޒިރުނުކުރެވެ އެވެ.

ޖިނާއީ އަދުލުގެ ނިޒާމުގެ ހާލަތު މިހެން އޮތް އިރު، އެ ނިޒާމު އިޖުރާއަތްތައް ބަޔާންކޮށްފައި އޮންނަ ގާނޫނުގައި ހެކިބަސް ދޭން ތިބޭ މީހުނަށް ރައްކާތެރިކަން ދިނުމާއި ހިމާޔަތް ދިނުމަށް ކޯޓުން އަމުރެއް ނެރުމާއި، ކޯޓުގެ އަމުރު ތަންފީޒުކުރަން ޖެހޭނެ ގޮތް ކަނޑައެޅީ އިހަށް ދުވަހު އެވެ. ހެކިންނަށް، ދައުލަތަށް ފޯރުކޮށްދެވޭނެ މާބޮޑު ހިމާޔަތެއް އޭގެ ކުރިން ނޯވެ އެވެ. އެމީހުން ރައްކާތެރި ކުރެވޭނެ އުސޫލުތަކެއް ލިޔެ ފައެއް ނެތެވެ.

ސުވާލަކީ އެ އަމުރު ކޯޓުން ނެރުމުން، ހެކިންނަށް މިހާރު އުފެދިފައިވާ ބިރުވެރި މާހައުލު ބަދަލުވެ، ހެކިބަސް ދޭން ތިބި ފަރާތްތަކަށް ހެކިބަސް ދެވޭނެ މާހައުލެއް އުފެދޭނެތޯ އެވެ؟

"އަޅުގަނޑު ޕީޖީގައި އުޅުނުއިރު ވިޓްނެސްއަށް ސޯޝަލް ސައިކޮލޮޖީ ސަޕޯޓް ދޭން ޑިޕާޓްމަންޓް ވެސް އޮތް، އެ އޮންނަން ޖެހުނީ ވެސް، ހެކިންނަށް ބިރު ދެއްކުން އާންމުވެގެން، އެ ތަނަށް ހާޒިރުވެ، ހަމަ ރޮއެފަ ވެސް އެ ވާހަކަތައް ހިއްސާކޮށްދީފަ އެބަހުރި، ސުވާލުކުރޭ ކިިހިނެއްހޭ މި ވަރުން ހެކިބަސް ދޭނީ،" ކުރީގެ ފަނޑިޔާރު އަދި ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން އޭނާގެ ތަޖުރިބާ "އަދަދު" އާ ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

ހިމާޔަތުގެ އަމުރު؛ ހެޔޮ ފާލެއް

ގާނޫނުގެ 149 ވަނަ މާއްދާގައި ކުރިން އޮންނަނީ ހެކިބަސްދޭ މީހާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭ ގޮތަށް ހެކިބަސް ނެގުމުގެ އިޖުރާއަތެކެވެ. އެ ގޮތުން ހެކިބަސް ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން އެދުމުން، އެ ކަމަކަށް ކަނޑައެޅިފައި އޮންނަ ގޮތްތަކުގެ ތެރެއިން ހެކިބަސް ނެގޭނެ ކަމަށް ކުރިން ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި މިހައިތަނަށް އަމަލުކުރަމުން އައި ގޮތަކީ އެ ހެކިވެރިޔާގެ ވަނަވަރު ސިއްރުކޮށް "ސިއްރު ހެކިވެރިޔާ" ގޮތުގައި އޭނާ ތަހުގީގަށް ދީފައިވާ ބަޔާންތައް ދިފާއަށް ދޫކުރުމެވެ. އަދި ޓެކްނޮލޮޖީ މެދުވެރިކޮށް އަޑު ބަދަލުކޮށްގެން، އޯޑިއޯ ކޮންފެރެންސަކުން ހެކިބަސް ނެގުމެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އޮކްޓޯބަރު މަހު ފާސްކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ ނޮވެމްބަރު މަހު ތަސްދީގު ކުރައްވާފައިވާ، ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކޮށްފައިވާ އޮނިގަނޑުގައި، 149 ވަނަ މާއްދާއަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ.

ހެކިބަސްދޭ މީހާގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އޭނާގެ އާއިލާ މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ނަމަ، ހެކިބަސްދޭ މީހާގެ ހިމާޔަތް ދިނުމުގެ އަމުރަކަށް ދައުލަތުން އެދެން ވާނެ ކަމަށް އެ މާއްދާގައި މިހާރު އޮވެ އެވެ.

ހެކިބަސް ރައްކާތެރި ކުރުމުގެ އަމުރަކަށް އެދުން 119 ވަނަ މާއްދާގައި އޮންނަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި ހުށަހެޅުމަށެވެ. ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރުގެ އިޖުރާއަތެއް ހިމެނި އިރު، އެ މަރުހަލާއަށް ފަހު ވެސް ހިމާޔަތް ދިނުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު ވަނީ ދީފައިވެ އެވެ.

މިހާރު ކްރިމިނަލް ކޯޓުން ސިއްރު ހެކިންގެ ހެކިބަސް ނެގުމަށް އޮންނަ އުސޫލު ވެސް ގާނޫނުގެ އެ އިޖުރާއަތުގައި ހިމަނާފައި އެބަ އޮތެވެ. އެހެން ހާޒިރެއްގައި ހުރެގެން އޯޑިއޯ ކޮންފެރެންސްކޮށް އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމުގެ އިތުރަށް، ޝަރީއަތުގެ ކުރިން ނެގި ހެކިބަސް ނުވަތަ ތަހުގީގަށް ދިން ބަޔާނުގެ އޯޑިއޯއެއް ޝަރީއަތުގައި އިއްވުމުގެ އިހްތިޔާރު ވެސް ދީފައިވެ އެވެ.

މުހުތާޒު ވިދާޅުވި ގޮތުގައި ގާނޫނަށް ގެނެސްފައިވާ އިސްލާހު އޮތީ ފުރިހަމަކޮށެވެ. މި ވެއެތުވެ ދިޔަހައި ދުވަހު އެ ކަން ނުވެ އޮވެ، ހެކިންނަށް ހިމާޔަތް ދިނުމުގެ އަމުރެއް ނުވަތަ "ވިޓްނެސް ޕްރޮޓެކްޝަން އޯޑަރު" ނެރެފައި އޮތުމަކީ ގިނަ ގައުމުތަކުގައި މިހާރު ވެސް އެ ކަމަށް އޮންނަ މަފްހޫމެވެ.

"މިއިން ކޮންމެ ވެސް ވަރަކަށް ދިމާވާ މި މައްސަލަތައް މަދުކޮށްލެވޭނެ، މިއީ ހެޔޮ ފާލެއް، ދެން އެކަމަކު މިއިން އެއްކޮށް ހައްލުވެގެނެއް ވެސް ނުދާނެ، ނުދިޔަކަސް، މި އިޖުރާއަތް ރަނގަޅަށް ތަންފީޒުކޮށްފިއްޔާ ވަރަށް ބޮޑަށް ކަންކަން އިސްލާހު ވާނެ، އެއީ އަޅުގަނޑު ވެސް އެދޭނެ ގޮތަކީ،" މުހުތާޒު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގަޒީ އަހުމަދު ހައިލަމް ވިދާޅުވީ ހިމާޔަތް ދިނުމުގެ އަމުރު ކޯޓުން ނެރޭ ގޮތަށް ގާނޫނުގައި ލިޔެވިގެން ދިއުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް އޭގައި ދިމާވާނެ ގޮންޖެހުންތައް ދެނެގަނެވޭނީ ތަންފީޒުކުރަން ފަށާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހެކިންނަށް ހިމާޔަތް ދޭނީ ކިހިނެއް؟

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދާދި ފަހުން އޭނަގެ ޕާސަނަލް ބްލޮގް ގައި ވެސް ލިޔުއްވާފައިވާ ގޮތުގައި، މިފަދަ ކުށްތައް ކުރާ ޖަމާއަތްތަކުން އެ ކަން ކުރަނީ ވަރަށް ބޮޑަށް ރޭވިގެންނެވެ. ދެކޮޅަށް ހެކިބަސް ދޭން ތިބޭ މީހުނަށް ބިރު ދައްކައިގެން، ދިފާއީ ހެކި ވެސް އުފައްދާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ގޭންގުތަކުން އިންތިޒާމުވެގެން ހިންގާ މާރާމާރީތަކާއި މަރުގެ މައްސަަލަތަކާއި ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކުގެ މައްސަލަތަކާއި ޓެރަރިޒަމާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި، ހެކިންނަށް ހިމާޔަތް ދިނުމުގެ ޕްރޮޓޮކޯލްތަކެއް ދުނިޔޭގެ ގިނަ ގައުމުތަކުގައި އޮވެ އެވެ.

އަވައްޓެރި ގައުމުތަކާއި، ތަރައްގީ ވަމުން އަންނަ ގައުމުތަކާއި، ހުޅަނގުގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ވެސް އަމަލުކުރާ އެއް ގޮތަކީ މިއީ އެވެ. ހެކިވެރިޔާގެ ވަނަވަރު ސިއްރުކޮށް އޭނާގެ ވަނަވަރު ބަދަލުކުރުމެވެ. އާ ނަމަކާއި އާ ދިރިއުޅުމެއް ދައުލަތުން ހަމަޖައްސައިދިނުމެވެ. މުޅިން އެހެން މުޖުތަމައަކަށް ނޫނީ އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކޮށްދީފައި ވެސް އެބަ ހުއްޓެވެ.

އެކަމަކު ރާއްޖޭގެ މުޖުތަމައު ކުޑަވެފައި، ގިނަ މީހުންނަށް އެކަކު އަނެކަކު އެނގޭތީ އެކަން ވާނީ ގޮންޖެހުމަކަށް ކަމަށް މުހުތާޒު ގަބޫލު ކުރައްވަ އެވެ. ކޯޓުގެ ތެރެއިންނާއި ފުލުސް އޮފީހުގެ ތެރެއިންނާއި ޕީޖީ އޮފީހުގެ ތެރެއިން ވެސް ހެކިންގެ ބަޔާންތައް ލީކުވަނީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުތުރުގެ މީހަކު، އައްޑޫއަށް ބަދަލުކޮށްގެން، އެ ބަޔަކަށް ނޭނގޭނެ ހެއްޔޭ، އެނގޭނެ، އެހާ ވެސް މުޖުތަމައު ކުޑަ، އެކަމަކު ސިޔާސަތެއް އެކުލަވާލައިގެން ގޮތްތަކެއް ހޯދަން ޖެހޭ، ހޯދެން ވެސް ހޯދޭނެ، މައްސަލައަކީ އޭގެ ޕޮލިޓިކަލް ވިލް ވެސް ނެތީ،" މުހުތާޒު ވިދާޅުވި އެވެ.

ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ވެސް ވިދާޅުވީ ހެކިވެރިން އެހެން މުޖުތަމައަކަށް ބަދަލުކޮށްގެން، ދައުލަތުގެ ހަރަދުގައި ތަންތަން ކުއްޔަށް ހިފައިގެން ހިމާޔަތް ދިނުމަށް ރާއްޖޭގައި ދަތިވާނެ ކަމަށެވެ. އެކަމަކު ކުރެވިދާނެ މަސައްކަތްތައް ހުންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ރާއްޖޭގައި ޕޮލިސް ސްޓޭޝަންތައް އެބަހުރި، ފުލުހުން ދިރިއުޅޭ ތަންތަން، ފުލުހުން އުޅެން ތަންތަން ހަދައިފަ ވެސް އެބަހުރި، އެއިން ތަނެއްގައި ވަކި މުއްދަތަކަށް ބެހެއްޓިދާނެ، ނޭޝަނަލް އިންޓެގްރިޓީ ސެންޓަރެއް ގާއިމްކޮށް އެފަދަ ތަނެއްގައި ބަހައްޓައިގެން ސެކިއުރިޓީ ދެވިދާނެ،" ފައިރޫޝްގެ ހިޔާލު އޭނާ ހިއްސާކުރެއްވި އެވެ.

ހައިލަމް ވިދާޅުވީ ހެކިވެރިންނަށް ހިމާޔަތް ދިނުމުގެ މަސްއޫލިއްޔަތު ފުލުހުންނަށް ގާނޫނުން ހަވާލުކުރި އިރު، އެ ކަމަށް ބޭނުންވާ ބާރުތައް ވެސް ފުލުހުންނަށް ދޫކޮށްލާފައި އޮންނަން ޖެހޭނެ ކަމަށެވެ. އަދި ފުލުހުންނަށް އެ ކަމަށް ބޭނުންވާ ވަރުގެ ބަޖެޓާއި ވަސީލަތްތައް ވެސް ދައުލަތުން ހަމަޖައްސަން ވާނެ ކަމަށެވެ.

"ފުލުހުންނަށް އެ ހުރިހާ ބާރެއް ދީގެން، ފެސިލިޓީތައް ދޫކުރުމުގެ އިހުތިޔާރުތައް އެ މީހުނަށް ދޫކޮށްލައިފިނަމަ، ސެކިއުރިޓީ ދެވޭނެ، އެ ކަން ކުރެވޭނެ،" ހައިލަމް ވިދާޅުވި އެވެ.

ބަޔާން ނަގާ ގޮތުގައި ވެސް މައްސަލަ

ހެކިވެރިންނަށް ހިމާޔަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ، ސިއްރުކޮށްފައިވާ ހެއްކެއްގެ ވަނަވަރާއި އޭނާ ތަހުގީގަށް ދީފައިވާ ބަޔާނާއި ޝަރީއަތަށް ދޭ ހެކިބަސް އާންމު ވެގެން ދިއުމެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ އެތެރޭގައި ހިމެނޭ އިދާރާއެއްގައި އުޅޭ ކޮންމެ ވެސް މީހެއް މެދުވެރިކޮށް އެހެން އެބަ ދިމާވެ އެވެ.

ފައިރޫޝް ގަބޫލުކުރައްވާ ގޮތުގައި މިހެން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ތަހުގީގަށް ފުލުހުން ބަޔާން ނަގާ ގޮތެވެ. ހެކިވެރިންގެ ބަޔާން ނަގާއިރު، އޭނާގެ ހުރިހާ ވަނަވަރެއް ބަޔާނުގެ ގަނޑު ހިމެނިފައި އޮތުމަކީ ހެދޭ ގޯހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ރާއްޖޭގައި ބަޔާން މި ނަގަނީ އިއުތިރާފް ބަޔާން ނަގާއިރު އަމަލުކުރަން އޮންނަ އުސޫލަށް، ކުށްވެރިޔާގެ އިތުރަށް ވިޓްނެސްއެއްގެ ބަޔާން ވެސް، ވިކްޓިމްއެއްގެ ބަޔާން ވެސް މި ނަގަނީ އެ ވިސްނުމުގައި، އެ މެންޓާލިޓީ ގައި ނަގާތީ ހެކިވެރިޔާގެ ހުރިހާ ތަފްސީލެއް އޭގައި މި ފެންނަނީ،" ފައިރޫޝް ވިދާޅުވި އެވެ.

ފައިރޫޝް ތަމްރީން ހޯއްދެވި ބައެއް ގައުމުތަކުން މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ، އެ ގައުމުތަކުގައި ބަޔާނުގެ ގަނޑުގައި ހެކިވެރިޔާގެ އެއްވެސް ޒާތީ ތަފުސީލެއް ނޯންނާނެ ކަމަށެވެ. ޒާތީ ތަފުސީލަކަށް އޮންނާނީ ނަން އެކަންޏެވެ. އެހެން ތަފުސީލުތައް ހިމަނަނީ ވަކިން ރެކޯޑު ފޮތެއްގަ އެވެ.

"ރާއްޖޭގައި ހެކިވެރިޔެއްގެ ތަހުގީގު ބަޔާނުގައި ވެސް، އެނާގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އުފަން ތާރީހު، އައިޑީ ކާޑު ނަންބަރު، އަދި އިނގިލީގެ ނިޝާން ވެސް އެބަ ޖައްސާ، މިއީ އަސްލު އިއުތިރާފު ބަޔާން ނަގާއިރު ކުރަން ޖެހޭ ކަންކަން،" ފައިރޫޝްގެ ތަޖުރިބާތައް ކިޔައިދެއްވި އެވެ.

އަސްލު މައްސަލަ؛ ސްޕީޑް، ބާގަނޑުތައް

ހެކިވެރިންގެ ވަނަވަރު ސިއްރުކޮށް ހެކިބަސް ނެގިދާނެ އެވެ. ހެކިވެރިންނަށް ހިމާޔަތް ދީފައި ވެސް ބެހެއްޓިދާނެ އެވެ. އެކަމަކު ޝަރީއަތުގެ ދުވެލި ލަސް ނަމަ، ހެކިވެރިންނަށް ހިމާޔަތް ދިނުމާއި ހެކިބަސް ދިނުމަށް ހިތްވަރު ދިނުމަށް ވަރަށް ގިނަ ގޮންޖެހުންތައް ދިމާވާނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ. އަދި ގަބޫލުކުރައްވާ ކަމަށް ލިޔުއްވަނީ ވެސް އެ ގޮތެވެ. ބްލޮގްގައި ލިޔުއްވާފައިވަނީ، އުދައްޔުގެ މަރުގެ މައްސަލާގައި އަޑުއެހުންތަކެއް ކައިރިކައިރީ ބޭއްވި ދަނޑިވަޅުގައި، ގިނަ ހެކިވެރިން ކޯޓަށް އެއްބާރުލުންދީ ހެކިބަސް ދީފައިވާ ކަމަށެވެ.

"ހާދިސާ ހިނގި ތަން ދުށް މީހުންނާއި އާންމުންގެ ތެރެއިން ހެކިބަސްދޭ މީހުން، ޖިނާއީ އަދުލުގެ ނިޒާމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރޭ، ނަމަވެސް، އެއީ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަން ކުރެވޭނަމަ، ދެތިން އަހަރު ފަހުން ހެކިބަސް ދޭން ކޯޓަށް ހާޒިރުވާ މީހުން ދާނީ މަދުވަމުން،" ޝަމީމް ލިޔުއްވާފައިވެ އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒަށް ވެސް އޭގައި އެންމެ ބޮޑު މައްސަލައަކީ ޝަރީއަތް ލަސްވުމެވެ. އަދި ކައިރީކައިރީ ގިނަ އަޑުއެހުންތަކެއް ނުބޭއްވުމެވެ. ކައިރިކައިރީ ގިނަ އަޑުއެހުންތަކެއް ބޭއްވޭ ނަމަވެސް ޝަރީއަތް ހިންގާ ކަމުގެ އިހުސާސް އާންމުންނަށާއި ހެކިވެރިންނަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވެސް ވިދާޅުވީ ޖަމާއަތް ހަދައިގެން، އިންތިޒާމުވެގެން ކުށްކުށަށް އަރައިގަންނަނީ ވެސް އެ ފުރުސަތު ދެވިފައި އޮންނާތީ ކަމަށެވެ. ޝަރީއަތް ލަސްވުމާއި ގާނޫނުތަކުގެ ބާގަނޑުތަކުގެ ބޭނުންކޮށްގެން ސަލާމަތް ވެވިދާނެ ކަމުގެ ޔަގީންކަމެއް އޮންނާތީ އެވެ.

"ހެކިވެރިޔާއަކަށް ނޯވޭ ޔަގީންކަމެއް، ޝަރީއަތް ހިނގާނެ ކަމުގެ ވެސް، ކޮންމެ ވެސް ދުވަހަކުން އެ މީހަކު މިނިވަން ވެދާނެއޭ، އެހެން މައްސަލަތަކުގަ ވެސް ހިނގައިފަ އޮތީ އެހެނޭ، މިނިވަންވާއިރަށް ހެކިވެރިޔާގެ ރައްކާތެރިކަމެއް ނޯންނާނެއޭ، އެ ވިސްނުން މިހާރު މި އޮތީ އަށަގަނެފަ،" ރިޔާޒު ވިދާޅުވި އެވެ.

ފައިރޫޝް ވެސް ވިދާޅުވީ ޝަރީއަތް ލަސްވުމުގެ ބޭނުން ހިފާ ކިތަންމެ ބަޔަކު އުޅޭ ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާހުރި މީހުން މީގައި ހުރި ބާގަނޑުތައް "ވިއްކަމުންދާ" ކަމަށް އޭނާ ތުހުމަތުކުރި އެވެ.

"ފުލުސް އޮފީހުގައި، ޕީޖީ އޮފީހުގައި، ވަރަށް ގިނަ ދުވަހު އުޅެފައި، މި ބާގަނޑުތައް ދަންނަ މީސް މީހުން، އެ ލޫޕްހޯލްތައް އެބަ ވިއްކާ، ޕްރައިވެޓް ލޯ ޕްރެކްޓިިކްސްގަ ވެސް އެބަ އުޅޭ، މި ސާގަފަތްތައް ނައްތާލައިގެން ނޫނީ އަދިވެސް ދަތިވާނެ،" ފައިރޫޝް ވިދާޅުވި އެވެ.

ކުރީގެ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ކޯޓުގެ އިދާރީ ކަންކަމާ ހުރެ ބައެއް ފަހަރު އަޑުއެހުންތަކެއް ނުބޭއްވުނަސް، ޝަރީއަތް ދިގުލައިގެންދާ އެންމެ ބޮޑު ސަބަބަކީ ދައުލަތުގެ ހެކިން ޝަރީއަތަށް ހާޒިރު ނުވުމެވެ. އަދި ކޮންމެ ވެސް ސަބަބުތަކާ ހުރެ، ދައުލަތަށް އެ ކަން ނުވެގެން ދިއުމެވެ.

"ދައުލަތަށް ހެކިން ހާޒިރުނުކުރެވެންޏާ، އަވަސް އަރުވާލައިގެން ޝަރީއަތް ނިންމީ، ދެން އެއްކަލަ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވެދާނެ، އަނެއްކާ ވެސް މުޖުތަމައަށް ދޫވީ، އަނެއްކާ ވެސް ކުށަށް އަރައިގެން، ހައްޔަރުކުރާނެ، މިފަދަ ގޮތަކަށް އެނބުރެމުން މި ދަނީ،" ހައިލަމްގެ ތަޖުރިބާ ކިޔައިދެއްވި އެވެ.

އެހެންވިޔަސް ހެކިވެރިންނަށް ބިރުވެރިކަން އޮވެގެން ހެކިބަސް ދޭން ޖެހިލުންވާ ކަމާއި، ބައެއް ހާލަތްތަކުގައި ޝަރީއަތަށް ހެކިވެރިން ހާޒިރުނުވަނީ އެ ބިރުވެރިކަން އޮވެގެން ކަމަށް ހައިލަމް ވެސް ގަބޫލުކުރައްވަ އެވެ.

ގޭންގްތަކުގެ ބާރުގަދަ އެވެ. ކުށް ކުރަނީ ވަރަށް ބޮޑަށް ވެސް ރާވައިގެންނެވެ. ފަހުން ޝަރީއަތުގައި ދިފާއުވެވޭނެ ގޮތްތައް ވެސް ހޯދައިގެނެވެ. ގާނޫނުތަކާއި ޝަރުއީ ނިޒާމުގައި ހުރި ބާގަނޑުތައް ވެސް ދަސްކޮށްގެނެވެ. ދެކޮޅަށް ހެކިބަސްދޭ މީހުން ހޯދަ އެވެ. ހޯދާފައި އެ މީހުނަށް ބިރު ދައްކަ އެވެ. މީގެ ސަބަބުން، މަރުގެ މައްސަލަތައް ގިނަވެ، އަނިޔާ ތަހައްމަލްކުރި އާއިލާތަކަށް އިންސާފު ނުލިބުމެވެ. އެކަމަކު ވިޓްނަސް ޕްރޮޓެކްޝަން ގާނޫނަކީ ލަސްވެފައި އޮތް ނަމަވެސް ކުރިއަށް އެޅުނު ފިޔަވަޅެކެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox