ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ޖަމާކުރާ ކުނި ބޭނުންކޮށްގެން ޗާކޯލް އާއި ގަސް ކާނާ އުފައްދައިގެން ދިވެހި ބާޒާރުގައި ވިއްކަން ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެއްޖެ އެވެ.
"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރޭ ޔޫސުފް ސިރާޖް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ދެ އުފެއްދުމެއް ބާޒާރަށް ނެރެން އެ ކުންފުނީގެ "ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭން" ގައި ހިމަނާފައިވާ ކަމަށެވެ. އެއީ ޗާކޯލްގެ އިތުރަށް ގަސްކާނާ އެވެ.
"މިހާރު ހެދިފައި ހުރި ޕްލޭންތަކާ އެއް ގޮތަށް ދާ ކަމަށް ވަންޏާ ޗާކޯލް ވެމްކޯއިން އުފައްދައިގެން ނެރެވޭނެ ކަމަށް މި ބަލަނީ ޖެނުއަރީ ފެބްރުއަރީ ހިސާބުގައި،" ސިރާޖް ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ދުވާލަކު 200 ޓަަނާ ގާތްކުރާ ވަރަށް ގޭބިސީތަކުން ވެޓް ވޭސްޓް ނުވަތަ ކެއިންބުއިމުން އުފެދޭ ކުނި ނެގޭ ކަމަށް ސިރާޖް ވިދާޅުވި އެވެ. އެހެންވެ ގަސްކާނާ ވެސް އަންނަ އަހަރު ބާޒާރަށް ނެރުމަށް ވެމްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.
"އަހަރަށް އެވެރެޖްކޮށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޗާކޯލް އަދި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކޮމްޕޯސްޓް އެބަ އިމްޕޯޓް ކުރޭ،" ދިވެހި ބާޒާރަށް ނެރިގެން އެ ތަކެތިން އާމްދަނީއެއް ހޯދޭނެ ކަމަށް ވެމްކޯއިން ހޯދި ހޯދުންތަކުން އަންދާޒާ ކުރެވޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
މި ވަގުތަށް ދިވެހި ބާޒާރަށް ނެރެގެން އެ ތަކެތި ވިއްކުމަށް ކުންފުނިން ވިސްނާފައި އޮތް ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ޓުއަރިސްޓުންނަށް އަމާޒުކޮށްގެން އެ ތަކެތި ވިއްކުމުގެ ވިސްނުމެއް އެބަ އޮތް ކަމަށް ސިރާޖު ވިދާޅުވި އެވެ.










