މެންޗެސްޓާ (ނޮވެމްބަރު 22) - މެންޗެސްޓާ ޔުނައިޓަޑަށް ދާދި ފަހުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރި އެ ޓީމުގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބުން ދޫކޮށްލައިފި އެވެ.
މިދިޔަ ހަފުތާގައި އާންމުވި ޕިއާސް މޯގަންގެ އަންސެންސާޑް ޝޯގައި، ރޮނާލްޑޯ، 37، ވަނީ ޔުނައިޓެޑްގެ ވެރިންނާއި ކޯޗު އެރިކް ޓެން ހާގްގެ އިތުރުން ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިންނަށް ވެސް ފާޑުކިޔައިފަ އެވެ. މީގެ އިތުރުން ވެސް ޔުނައިޓަޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވި ފަހުން ރޮނާލްޑޯ އަށް ފުރަތަމަ 11 އިން ލިބޭ ފުރުސަތުތައް މަދުވެ، މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ޔުނައިޓަޑުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ "ދެ ފަރާތުން އެއްބަސްވެގެން" ރޮނާލްޑޯ އާއި އެ ކްލަބާމެދު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި، ވަގުތުން ވަގުތަށް ރޮނާލްޑޯ ދޫކޮށްލާފައިވާ ކަމަށެވެ.
"ޔުނައިޓެޑްގައި ހޭދަކުރި ދެ ދައުރުގައި ވެސް މި ކްލަބަށް ރޮނާލްޑޯކޮށްދިން ހިދުމަތަށް ޝުކުރު އަދާކުރަން،" ޔުނައިޓަޑްގެ ބަޔާނުގައި ބުނެފައިވެ އެވެ. "ކްލަބުގެ ހުރިހާ ފަރާތަކުން ވެސް ތިބީ ސީޒަންގައި ބާކީ އޮތް ބަޔަށް ސަމާލުކަން ދީ، އެރިކް ޓެން ހާގްގެ ޓީމަށް ކާމިޔާބީ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ އަޒުމުގައި."
ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތަކީ "އާ ޗެލެންޖަކަށް" ކުރިމަތިލުމަށް އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލްކުރެވޭ ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓަޑާއި ޔުނައިޓަޑްގެ ސަޕޯޓަރުން ދެކެ ވަރަށް ލޯބިވޭ. އެކަމެއް ބަދަލެއް ނުވާނެ. ޓީމަށް ކާމިޔާބަށް އެދެން،" ރޮނާލްޑޯ ބުންޏެވެ.
ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން އެއްބަސްވުމަކަށް އައީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗަށް އެއް ދުވަހަށް ވެފައި އޮއްވަ އެވެ. ޕޯޗުގަލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޕޯޗުގަލް ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ވޯލްޑް ކަޕްގެ ކުރިން ޔުނައިޓެޑާއި ރޮނާލްޑޯއާ ދެމެދު ހުރި ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް އަންގައިފަ އެވެ. އެހެންވެ، ރޮނާލްޑޯ މި ވަނީ ވީ އެންމެ އަވަހަކަށް ޔުނައިޓެޑާ މަޝްވަރާކޮށްގެން، އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށެވެ.












