ސިފައިންނާ ފުލުހުން ގުޅިގެން ކުރިއަށްގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި 14 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފި އެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫއިން ހައްޔަރުކުރި 10 މީހަކާ، މާލެއިން ހައްޔަރުކުރި ދެ މީހެއްގެ އިތުރުން ކ. ގުރައިދޫއިން ހައްޔަރުކުރި ދެ މީހެކެވެ. ގުރައިދޫއިން ހައްޔަރުކުރި ދެ މީހުންނަކީ ވެސް އައްޑޫއަށް ނިސްބަތްވާ ދެ މީހުންކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 18އ، 33އ ގެ ދެ މީހުން، 35އ އަދި 46 އަހަރުގެ މީހާއަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ. އަދި 19އ، 27އ ގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާއިރު އ، 27އ، 30އ، 35އ އަދި 37 އަހަރުގެ މީހާ ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި 14 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
އޮޕަރޭޝަނާއި ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހުއްޓުވުނީ ގިނަ ބަޔަކު މަރައިލައިގެން ދޭން އުޅުނު ހަމަލާއެއް ކަމަށެވެ. އޭގެ ފަހުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ އެވާހަކަ ތަކުރާރުކުރައްވާ މި ހަމަލާ ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށްވެސް ވިދާޅުވެފަ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މަހުގެ 17 ވަނަ ދުވަހުވެސް ސިފައިންނާ ފުލުހުންގެ ޑޯގް ސޮކްޑް ބޭނުންކޮށްގެން އައްޑޫގެ އެކި ތަންތަން ވަނީ ބަލައިފާސްކޮށްފަ އެވެ.













