އާދިއްތަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފުޓްބޯޅައިގެ އެންމެ ބޮޑު އީދު ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި އިތުރަށް ގަދަ ކުރުމުގެ ގޮތުން އެ މުބާރާތުގެ ލައިސެންސްޑް ބްރޯޑްކާސްޓަރު ކަމަށްވާ މީޑިއާނެޓުގެ ވޯލްޑް ކަޕް ކިކްއޮފް އިވެންޓު މާދަމާ އޮންނާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
އެގޮތުން، މާދަމާ ހަވީރު 4:00 އިން ރޭގަނޑުގެ ވަގުތުތަކާ ހަމައަށް މި އިވެންޓު އޮންނާނީ ހުޅުމާލެ ރުށްގަނޑު ދޭއްގަ އެވެ. މި އިވެންޓު ކުރިއަށްދާނީ ކުޑަކުދިންގެ ހަވީރަކާ އެކު އެވެ. ރޭގަނޑު ބޮޑުބެރުގެ ހަރަކާތްތައް ވެސް އެ ސަރަހައްދުގައި އޮންނާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
ހަމައެހެންމެ، ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށް ތަފާތު ހަރަކާތްތަކާއި ހަދިޔާ ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.
މި އިވެންޓުގައި މީޑިއާނެޓުން މިހާރު ވޯލްޑް ކަޕާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި، މި އިވެންޓުގައި މީޑިއާނެޓްގެ ކަނެކްޝަނެއް ބައްލަވައިގަންނަވާ ފަރާތްތަކަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި އަހަރު ވޯލްޑް ކަޕު ރާއްޖޭގައި ދެއްކުމުގެ ލައިސަންސް ނަގާފައިވަނީ މީޑިއާނެޓުންނެވެ. އެ ކުންފުނިން މި މުބާރާތް ރީބްރޮޑްކާސްޓު ކުރުމުގެ ހުއްދަ ދީފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޔެސް ޓީވީ، ރާއްޖެ ޓީވީ އަދި މީޑިއާނެޓުގެ ޗެނަލް އައިސް ޓީވީ އަށެވެ.










