މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފިލްމީ ތަރި އައިމިނަތު ރިޝްފާ ދޫކޮށްލީ އޭނާ ބަންދުގައި ބަހެއްޓޭނެވަރުގެ ހެކި ނެތުމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރިޝްފާ ހައްޔަރު ކުރީ ހުޅުމާލެ އާއި މާލޭގައި ހިންގި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި އިތުރު ބަޔާއެކު އެވެ. ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތީގެ ސްޓޮކު ބަލަހައްޓާ މީހާ ވެސް އެ މައްސަލައިގައި ހައްޔަރު ކުރި އެވެ.
އެ މައްސަލައިގައި ޖުމްލަ 12 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެކަމަކު އޭގެ ތެރެއިން ވަރަށް ގިނަ މީހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެމީހުންނާއެކު އެއް ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލި އެވެ.
މި ނޫހުން ސުވާލު ކުރުމުން ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހަކު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި އެންމެން ވެސް ދޫކޮށްލީ ބަންދުގައި ބެހެއްޓޭނެވަރުގެ ހެކި ނެތިގެން ކަމަށެވެ.
އެގޮތުން 36 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ އަންހެނަކާއި 26 އަހަރުގެ ފިރިހެނަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ހަމަ އެ މައްސަލައިގައި ހިމެނޭ 27 އަހަރުގެ އަންހެނެއްގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.













