އިއްޔެ ހުޅުމާލޭ ފޭސް ދެއަކުން ކަރަންޓާއި ފެން ކެނޑުނީ އެ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އިމާރާތް ކުރަމުންދާ މަޝްރޫއެއްގެ ކޮންޓްރެކްޓަރު މަގު ހުއްދަ ނުނަގައި މަގު ކޮންނަނިކޮށް ކޭބަލެއް ބުރިވެގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓް ސަރަހައްދުން އިއްޔެ މެންދުރުން ފެށިގެން ކަރަންޓާއި ފެން ވަނީ ކެނޑިފަ އެވެ. ކަރަންޓާއި ފެން ފްލެޓްތަކަށް ފޯރުކޮށްދިނުމަށް ދެ ގަޑިއިރު ހޭދަވި ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދޭ މައި ކޭބަލެއް ހަލާކުވީ އެ ސަރަހައްދުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭގައި ލިބުނު ގެއްލުމުގެ ސަބަބުން ކަމަށާއި، އެ ކޯޕަރޭޝަނުން ބެލި ބެލުމުން އެގުނު ގޮތުގައި އެ މަސައްކަތް ކޮށްފައިވަނީ ހުއްދަ ނުނަގައި ކަމަށެވެ.
އަދި އެކަމާއި ގުޅިގެން އެ ކޯޕަރޭޝަންގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި މަގު ކޮނުމުގެ މަސައްކަތްތައް ކުރުމުގައި އެކޯޕަރޭޝަންގެ ހުއްދަ ނަގަންޖެހޭނެ ކަމަށެވެ.













