ރާއްޖޭގައި އިމާރާތްކުރުމުގެ ސިނާއަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ ދިވެހިރާއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓަސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މި ކޮންވެންޝަން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ.
ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ "ކޮންސްޓްރަކްޝަން ވިތް ކޮންޒަވޭޝަން: ބިލްޑިން އަ ބެޓާ ވޯލްޑް" އެވެ.
މި ޝިއާރަށް އަލިއަޅުއްވާލައްވަމުން ނައިބް ރައީސް ވިދާޅުވީ، ރާއްޖޭގައި އިމާރާތްކުރުމުގެ ސިނާއަތު ހަލުވިކޮށް ކުރިއަރަމުން އައި ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ސަރަހައްދަކީ ރާއްޖެ ކަމަށެވެ.

އެހެންވެ އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެއްޗަަކީ، ދެމެހެއްޓެނިވި އަދި އަލުން ބޭނުން ކުރެވޭނެ އެއްޗެއް ކަމުގައި ހެދުމާއި، ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމާއި، އެކަަށޭނަ ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުތުން އެމަނިކުފާނު ވަނީ ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އިމާރާތްކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ދިވެހި ކުންފުނިތަކަށް ގޮވާލައްވާފަ އެވެ.
މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިން އިޕޮޕްކާގައި ބައިވެރިވުމަށްފަހު، މިއީ ރާއްޖޭގައި މި ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ.












