ހަރުކަށި ފިކުރު އަދި ހޭޓް ސްޕީޗް ރާއްޖޭގައި ފަތުރާ 4,000 އަށްވުރެ ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ރާއްޖޭގައި ހިންގާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު އިސްކަންދަރު ކޮށީގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވީ، ފޭސްބުކް ޓުވިޓާ ފަދަ އެތައް ޕްލެޓްފޯމެއް ހަރުކަށި ފިކުރު ހިންގުމަށް ބޭނުންކުރަމުންދާ ކަމަށެވެ.
ސީޕީ ވިދާޅުވީ، ހަރުކަށި ފިކުރު ހިންގާ ފަރާތްތަކުން އެ ހިންގާ ޕްލެޓްފޯމްތައް ހުއްޓުވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެފަދަ އެކައުންޓުތައް ހިންގަނީ ކޮން ބައެއްކަން ދެނެގަތުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
"މިއަދުގެ ހަގީގަތަކީ ފިޒިކަލް ސްޕޭސް އަށްވުރެ ބޮޑަށް މިކަންކަން ހިންގަނީ ޑިޖިޓަލް ސްޕޭސް އަށް. އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި، އެކި ގްރޫޕުތަކުގައި މިއާ ބެހޭ މައުލޫމާތުތައް ފެތުރުމާއި އެކި ކަހަލަ ހަމަލާތައް ރާވާނެ ގޮތްތައް ދަސްކުރުމާއި، އެކި ނެޓްވޯކިންތައް ދަސްކުރުމާއި، ބޭރުގެ އޮންނަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ޑިޖިޓަލް އެންވާރަމެންޓް ތެރޭގައި," ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ.
މިކަންކަން ހުއްޓުވުމަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، ހަރުކަށި ފިކުރާއި ޓެރަރިޒަމް ހުއްޓުވުމަށް އެންމެ ހަރުދަނާ ކަމާ އެކު ފިޔަވަޅު އެޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެން ނަމަވެސް, ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މި މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.














