ދިވެހިރާއްޖޭގައި އަރަބި ތައުލީމު ކިޔަވައިދޭ ހަމައެކަނި ސުކޫލު ކަމަށްވާ އަރަބިއްޔާ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ނިންމައި 2024 ވަނަ އަހަރު ސްކޫލުގެ ކިޔެވުން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އަރަބިއްޔާ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ބާ ޖަމާލުއްދީން ތަޅާލުމަށްފަހު އެތަނުގައި އަޅާ އާ އިމާރާތަށެވެ.
އަރަބިއްޔާ ސުކޫލުގެ ދަރިވަރުން މިހާރު ކިޔަވަމުން އަންނަނީ ވަގުތީ އިމާރާތެއް ކަމަށްވާ ކުރީގެ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އެމްޓީސީސީގެ އިމާރާތެއްގަ އެވެ.
އަރަބިއްޔާ ސްކޫލުގެ މިހާރު ހިންގަމުން އަންނަ އިމާރާތަކީ ކުދިން އުޅެން އެކަށީގެންނުވާ ތަނެއްކަން ފާހަގަކުރައްވާ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން ދަނީ ކެނޑިނޭޅި ކަންބޮޑުންވުން ފާޅުކުރަމުންނެވެ.
މި ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާ ސްކޫލުގެ މަސައްކަތް ނިމި 2024 ވަނަ އަހަރު އެ ސްކޫލު ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ ސްކޫލު ވެގެންދާނީ ދަރިވަރުންނަށް ބޭނުންވާ ހުރިހާ ކަމެއް ވެސް ސްކޫލު ތެރެއިން ލިބެން ހުންނަ ސްކޫލަކަށް މިނިސްޓަރު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާ އެވެ. 168 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.












