ޓެކްސް ނެގުމާ ދެކޮޅު ނޫން ކަމަށާއި މައްސަލައަކަށް ވެގެން އުޅެނީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެން ހުރި ގިނަ އަދަދެއްގެ ފައިސާ ނުހޯދައި ޓެކްސް ބޮޑުކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެެމް މެމްބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅިމަޖިލީހުގެ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޝިޔާމް ވިދާޅުވީ ޓެކްސް ބޮޑުކުރަން "މިއީ ރަނޅު ވަގުތެއް ވެސް ނޫން" ކަމަށެވެ.
"މިހާލަތުގައި ޓެކްސް ބޮޑުކުރާތީ އަޅުގަނޑުމެންނަަށް މައްސަލައަކަށް ވެެގެން މިއުޅެނީ އިއްޒަތްތެރި ރައީސް. ދައުލަތަށް ވަންނަން ހުރި އާމްދަނީ ހޯދަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކޮށް ބަހައްޓާފައި މި ޓެކްސް ބޮޑުކުރަން އަޅުގަނޑުމެން ދެކޮޅު. ދައުލަތަށް ވަންނަން އެބަ އޮތް 16 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ، އޭގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބެން އޮތް އަދަދު މަދެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ތަކުރާރުކޮށް ތުހުމަތުކުރެއްވި ގޮތުގައި އެ ފައިސާ ހޯދަން ސަރުކާރުން މަަސައްކަތެއް ނުކުރެ އެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވަނީ ދައުލަތަށް ލިބެން ހުރި ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ ޓެކްސް ބޮޑުކުރާ ބިލުގެ ރިޕޯޓަށް ބަހުސްކޮށް ނިމިއްޖެ ނަމަ މިއަދުގެ ޖަލްސާގައިި އެ ރިޕޯޓަށް ވޯޓަށް އައްސަވާނެ ކަމަށެވެ. އެ ބިލަށް ވޯޓަށް އެހުން ލަސްވެގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.













