ރާއްޖޭގެ ހުރިހާ ރަށަކަށް ޖެޓް ސްކީއެއްގައި ދަތުރު ކުރި އެޗްޑީސީގެ ދެ މުވައްޒަފަކަށް ޓޫރިޒަމް މިނިސްޓްރީން އެވޯޑެއް ދީފި އެވެ.
އެޗްޑީސީގެ ދެ މުވައްޒަފަކު ރާއްޖޭގެ ހުރިހާ ރަށަކަށް ޖެޓް ސްކީގައި ދަތުރު ކުރީ "މޯލްޑިވްސް ޖެޓްސްކީ ޓުއާ 2021 ނޯތު ޓު ސައުތު" ގެ ނަމުގައި މޯލްޑިވްސް ވޯޓާ ސްޕޯޓްސް އިން ބޭއްވި އިވެންޓެއްގަ އެވެ. މިއީ ޖެޓްސްކީތަކެއްގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
"ގޯލްޑް ކޮއިން" ގެ ނަމުގައި ދޭ އެ އެވޯޑު ލިބުނު އެޗްޑީސީގެ ދެ މުވައްޒަފުންނަކީ އެ ކުންފުނީގެ ސީއެސްއާރް އިވެންޓް ސްޕެޝަލިސްޓް އަހުމަދު ޝާމިލް އާއި ޕްލޭނިން ޑިޕާޓްމަންޓުގެ ރޯޑް އެންޑް ސޭފްޓީ މެނޭޖަރު އަހުމަދު ސޮފްވާން އެވެ.
އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެވޯޑް އެޗްޑީސީގެ އެ ދެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ރާއްޖޭގެ އުތުރުން ދެކުނަށް ކުރި ދަތުރެއް ކަމަށެވެ. މި ދަތުރުގައި، ބައިވެރިވި ބައިވެރިން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކޮށްފަ އެވެ.













