އާ ބާވަތެއްގެ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގަނެފައިވަނީ ކުރިއާ މެދުވެރިކޮށް ބަހްރެއިން އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި, ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން ސެޕްޓެމްބަރު 17 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން (Methorphan) އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މިއީ މި ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ފުރަތަަމަ ފަހަރު ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 604.50 ގްރާމް ހުރި ކަމަށެވެ.













