ރެހެންދި ސްކޫލުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސްކޫލުގައި ވަގުތީ ގޮތުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު އެ ސްލޫކުގެ ފަސްވަނަ ފަންގިފިލާގައި ހުރި ކްލާސް ރޫމެއްގެ ކަރަންޓު ބޯޑްގައި ރޯވެގެންނެވެ. މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ރެހެންދި ސްކޫލުގެ ކިޔެވުން އިއްޔެ ވަނީ މެދުކަނޑާލާފަ އެވެ. ރެހެންދި ސްކޫލުން ބުނީ ކަރަންޓު ވިއުގައަަށް ލިބުނު ގެއްލުންތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދަރިވަރުންގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ފެށޭނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.
ސްކޫލުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި މިއަދުން ފެށިގެން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުނެ އެވެ.













