ހުޅުމާލޭ ރެހެންދި ސްކޫލުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެސްކޫލުގައި މިއަދު ނުކިޔަވާދޭ ގޮތަށް ހަމަޖައްސަައި، މާދަމާއަށް ސްކޫލް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އެ ސްލޫކުގެ ފަސްވަނަ ފަންގިފިލާގައި ހުރި ކްލާސް ރޫމެއްގައި ހުރި ކަރަންޓު ބޯޑެއްގައި ރޯވެގެންނެވެ.
އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ރެހެންދި ސްކޫލުގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ "އަދަދު" އަށް ވިދާޅުވީ، އަލިފާން ރޯވީ އިމާރާތަށް ކަރަންޓު ފޯރުކޮށްދޭ ޕެނަލްއެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާވެފައިނުވާ ކަމަށާއި، މިއަދުގެ ކިޔެވުން ކަރަންޓުގެ މައްސަލަ ހައްލުކުރެވެންދެން މެދުކަނޑާލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ސްޓެލްކޯއިން ކަރަންޓުގެ މައްސަލަ ހައްލުކުރުމުން މާދަމާ ސްކޫލުގައި ކިޔެވުން ކުރިއަށްދދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ ރެހެންދި ސްކޫލުގެ ގްރައުންޑް ފްލޯ އަދި އެންމެ މަތީ ފްލޯގައި ހުރި ބޯޑެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 7:19 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށްވެސް އެމެއެންޑީއެފުން ބުނެ އެވެ.














