ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ އަބުރަށް އުނިކަން ލިބޭ ގޮތަށް ދޮގު ހަބަރު ފަތުރާފައިވާ ކަމަށް ބުނެ ނޫހެއްގެ މައްސަލަ ފޮރިން މިނިސްޓްރީން، މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހެޅީ ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ދޮގު ހަބަރެއްގައި ދޮގު ފަތުރާފައިވާތީ ކަމަށެވެ. އެހެންކަމުން، އެ މިނިސްޓްރީގެ ޕަބްލިކް އިންފޮމޭޝަން ޔުނިޓުން އެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ފޮރިން މިނިސްޓްރީން ފުރަތަމަ ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން މައްސަލަ ހުށަހެޅީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. ނަމަވެސް ފަހުން މިނިސްޓްރީން ބުނީ އެ ލިޔުމުގެ ކުށެއް ކަމަށާއި މައްސަލަ ހުށަހަޅާފައިވާނީ އެމްއެމްސީއަށް ކަމަށެވެ.
އޮންލައިން ނޫސްތަކުގެ މިފަދަ މައްސަލަތައް ހުށަހަޅަން ޖެހެނީ، އަދި އެފަދަ މައްސަލަތައް ބަލަނީ ވެސް މޯލްޑިވްސް މީޑިއާ ކައުންސިލުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިޔަރެސްގައި ޖެހި ހަބަރަކީ ދޮގު ހަބަރެއްކަން އެނގިގެން އެކަން ރަނގަޅުކޮށްދިނުމަށް ދިޔަރެސް ނޫހުގައި އެދުނު ކަމަށާއި، އެކަމަށް އެ ނޫހުން އިޖާބަ ދީފައި ނުވާ ކަމަށެވެ. ތަކުރާރުކޮށް މިނިސްޓްރީ ގުޅުމުން ވެސް އެ ނޫހުން ފޯނަށް ޖަވާބު ދީފައިނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މައްސަލަ ޖެހުނީ މަސްތުވާތަކެއްޗާ އެކު ޕާޓީކުރަން ތިއްބައި މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެއިން ބަޔަކު ހައްޔަރު ކުރި ކަމަށް ބުނެ ދިޔަރެސްއިން ޝާއިއުކުރި ހަބަރަކާ ގުޅޭ ގޮތުންނެވެ. ފޮރިން މިނިސްޓްރީން ބުނީ ޕާޓީކުރަނިކޮށް ބަޔަކު ހައްޔަރުކުރީ މިނިސްޓަރު ޝަހިދާ އެއްވެސް ވަރަކަށް ގުޅުން ހުރި އިމާރާތެއްގައި ނޫން ކަމަށާއި، މިކަމަކީވެސް މިނިސްޓަރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
އަދި ކަމާ ބެހޭ ސައްހަ ލިޔެކިއުން ފުލުހުން ދީފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނނީ ދިޔަރެސް ނޫހުން ހަބަރު ޝާއިއު ކުރީ ޝާހިދު ބަދުނާމުކޮށް، އަބުރު ކަތިލުމަށްކަމަށާއި، މިއީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަން ހާމަވާ ކަމަށެވެ.













