ހަތަރު މީހުންނާ އެކު ގދ.ފަރެސްމާތޮޑާއިން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ކޮޅުވެއްޓިއަކުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 12:50 ހާއިރު ކަމަށެވެ.
"ލިއޯ ސަކްސެސް" ނަމަކަށް ކިޔާ އެ ލޭންޑިން ކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ ދެކުނުން 14 ނޯޓިކަލް މޭލު ބޭރުންނެވެ.
އެ ކޮޅުވެއްޓި ދިޔަވެ ބަންޑުން ޖަހާލައި އޮއްވައި އޭގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ.
އޭގައި ޖުމްލަ ހަތަރު މީހުން ދަތުރުކުރަމުން ދިޔައިރު, އެކަކު ފެނިފައިނުވެ އެވެ. އެއީ ބިދޭސީއެކެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އިއްޔެ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ފަޅުވެރިޔާ އަދިވެސް ފެނިފައިނުވާތީ އޭނާ ހޯދުމުގެ މަސައްކަތް ކަނޑު މަގުންނާއި ވައިގެ މަގުން މިއަދު ކުރިއަށްދާނެ ކަމަށެވެ.












