ބުދަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން "މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް" އިން ހުޅުވާލި ފަންޑަށް މިހާތަނަށް ދިވެހި 69،000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މި ފަންޑު ހުޅުވުމުގެ ބޭނުމަކީ އެ ހާދިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް އިން ބުނީ މި ފަންޑަށް މިހާތަނަށް ދިވެހި ރުފިޔާގެ ގޮތުގައި 69،193.83ރ ލިބިފައިވާ ކަމަށެވެ. އަދި 588 ޑޮލަރުވެސް މި އެހީގެ ފަންޑަށް ލިބިފައިވާ ކަމަށް މައިގްރަންޓް ވޯކާޒް މޯލްޑިވްސް އިން ބުންޏެވެ. އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހި، ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް މި ފަންޑުން ލިބޭ ފައިސާއިން އެހީތެރިކަން ފޯރުކޮށްދޭން ވެސް ވަނީ ނިންމާފައެވެ.
ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ދިވެހި ރުފިޔާ އެކައުންޓް: 7730000378559 (މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް)، ޔޫއެސްޑީ އެކައުންޓް: 7730000378560 (މިޝަން ފޯ މައިގްރަންޓް ވޯކާޒް މޯލްޑިވްސް) މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނެ އެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވި އެވެ. އެހާދިސާގައި ޒަހަމްވި އެކަކަށް ހޮސްޕިޓަލްގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.














