"އޯއައިސީ ހަލާލް އެކްސްޕޯ" ގައި ބައިވެރިވުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް އަރުވައިފި އެވެ.
މި ދައުވަތު ރައީސަށް އަރުވާފައިވަނީ، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސް (އައިޔޫޔޫ) ގެ ރައީސް ޕްރޮފެސާ ޑރ. މުހައްމަދު ޚައިރް އަލް-ގަބާނީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ އިންޓަނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސް އާއި އެބޭފުޅާއާއެކު މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
މިބައްދަލުވުމުގައި، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސް ވަނީ އެޔޫނިއަންގެ ފަރާތުން، އިސްތަންބޫލްގައި މިނޮވެންބަރު މަހުގެ 24 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، ނުވަ ވަނަ "އޯއައިސީ ހަލާލް އެކްސްޕޯ" ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ދައުވަތު އަރުއްވާފަ އެވެ.
އެބޭފުޅުން ވަނީ މި ބައްދަލުވުން އަންނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަންވެސް ފާޅުކޮށްފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ސިއްހީ ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގެ ތަރައްގީއަށް މުހިންމު އެހެން ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް މި އެކްސްޕޯގެ ޒަރިއްޔާއިން މަގުފަހިވެގެންދާނެކަމަށް އައިޔޫޔޫ އިން މަޢުލޫމާތު ދެއްވާފައިވެ އެވެ.













